ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިހިނގާ ޖެނުއަރީ މަހުގެ ތެރޭގައި އެ ބޭންކުގެ ކާޑުތަކުން ވިޔަފާރިކޮށްގެން އެއްލައްކަ ރުފިޔާ ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް ބީއެމްއެލްގެ ކްރެޑިޓް އަދި ޑެބިޓް ކާޑުތަކުން 200 ރުފިޔާއަށްވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކާ އެކު ގުރުއަތުގައި ބައިވެރިވެވޭނެ ކަމަށް ބީއެމްއެލްއިން މައުލޫމާތު ދީފައިވެއެވެ.
މި ޕްރޮމޯޝަނުގެ ދަށުން، މަހުގެ ނިޔަލަށް އެއްލައްކަ ރުފިޔާގެ އިނާމު އެއް ފަރާތަކަށް ލިބޭނެއެވެ. އަދި މީގެ އިތުރުން، ކޮންމެ ދުވަހަކު ގުރުއަތުން ހޮވޭ ފަސް މީހަކަށް 1،000 ރުފިޔާ ލިބޭނެ ކަމަށްވެސް ބީއެމްއެލްއިން ހާމަކޮށްފައިވެއެވެ.
ބީއެމްއެލްގެ ކްރެޑިޓް ކާޑުތަކުން ކުރާ ވިޔަފާރިތަކަށް ރިވޯޑް ޕޮއިންޓް ލިބުން ފަދަ ޚާއްޞަ ފައިދާތަކެއް ލިބޭކަމަށް ބޭންކުން ބުނެފައިވެއެވެ. މި ރިވޯޑް ޕޮއިންޓްތައް ބޭނުންކޮށްގެން އެއަރލައިން ޓިކެޓު ނެގުމާއި، ހޮޓެލް ބުކް ކުރުމާއި، ކާރު ކުއްޔަށް ނެގުމުގެ އިތުރުން މަޝްހޫރު ބްރޭންޑްތަކުގެ ގިފްޓް ކާޑާއި ރާއްޖޭގެ ބައެއް ވިޔަފާރިތަކުގެ ވައުޗަރ ވެސް ލިބޭނެއެވެ.
މި ޕްރޮމޯޝަނަކީ ބީއެމްއެލްގެ ކަސްޓަމަރުންނަށް އިތުރު ފައިދާތަކެއް ހޯދައިދިނުމަށާއި، ކާޑުތަކުން ކުރާ ވިޔަފާރިތައް އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.