މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) އިން ލަންކާ މަގުން މުދާ އުފުލުމުގެ ކެޕޭސިޓީ މިއަހަރު ދެ ގުނަ ކުރެވިފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ ކުރިން ލަންކާ މަގުން 600 ކޮންޓެއިނަރ އުފުލޭ އުޅަނދެއް ބޭނުންކުރި ނަމަވެސް، މިހާރު 1100 ކޮންޓެއިނަރ އުފުލޭ ބޯޓެއް ގެނެސް ބޭނުންކުރަމުންދާ ކަމަށެވެ. މިއީ މިހާރު އޮތް ދެ ބޯޓުގެ އިތުރުން ގެނެވުނު އިތުރު ބޯޓެކެވެ.
ޝަރީފް އިތުރަށް ވިދާޅުވި ގޮތުގައި، ސަރުކާރުގެ މުހިންމު އެއް ލަނޑުދަނޑިއަކީ ވަކި ޤައުމަކަށް ބަރޯސާނުވެ ކާޑު އުފުލުމުގެ މަސައްކަތް ކުރުން ކަމަށާއި، މި އަހަރު ތެރޭގައި އެ ލަނޑުދަނޑި ހާސިލުކުރެވިފައިވާ ކަމަށެވެ. އަދި މުދާ އުފުލުމުގެ މަސައްކަތް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، މީގެ ތެރޭގައި ކުންފުނީގެ ކޮންޓެއިނަރ ފްލީޓަށް 1000 ކޮންޓެއިނަރ އިތުރުކުރެވިފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.
އެމްއެސްއެސްއިން ބުނާ ގޮތުގައި ރާއްޖެއަށް އަންނަ މުދަލުގެ 90 އިންސައްތަ އަންނަނީ ލަންކާ މަގުންނެވެ. މި ސަބަބަށްޓަކައި ލަންކާ މަގުން މުދާ އުފުލުމުގެ ކެޕޭސިޓީ އިތުރުކުރުމަކީ އެ ކުންފުނިން އިސްކަންދޭ ކަމެކެވެ.
އެމްއެސްއެސްއިން ވަނީ ކުރިއަށް އޮތް އަހަރު އައު ބޯޓެއް ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް ހާމަކޮށްފަ އެވެ. ނަމަވެސް މި ކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.