ދުނިޔޭގެ ކްރިޑިޓް ރޭޓިން އެޖެންސީ، މޫޑީސްއިން ރާއްޖޭގެ ރޭޓިން ދަމަހައްޓަން ނިންމި ނިންމުމާއި ގުޅިގެން އެކަމަށް މަރުހަބާ ކިޔައި، އިޤްތިސާދީ އިސްލާހީ ފިޔަވަޅުތައް ތަންފީޒްކުރުމުގައި ދެމި ހުންނާނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު މޫޑީސްއިން ވަނީ ރާއްޖޭގެ ރޭޓިން ”ސީއޭއޭ2“ އަށް ބަދަލުކޮށް، އައުޓްލުކް ”ރިވިއު“ އަށް ލާފަ އެވެ. އޭގެފަހުން ރޭޓިން ރިވިއު ކުރުމަށްފަހު، ރާއްޖޭގެ ރޭޓިން ”ސީއޭއޭ2“ ގައި ދެމެހެއްޓުމަށް މޫޑީސްއިން ނިންމާފައިވަނީ، ރާއްޖޭގެ މާލީ ހާލަތު ކުރިއަށްވުރެ ހަރުދަނާ ކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅުތަކަށް ރިޢާޔަތްކޮށްކަމަށް އެ އެޖެންސީން ބުނެފައިވެ އެވެ.
ފިނޭންސްއިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، މޫޑީސްގެ މި ނިންމުމުގައި ބަލާފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތަޢާރަފުކުރި އައު ބޭރު ފައިސާގެ ގަވާއިދު، އަދި ސަރުކާރުން ތަންފީޒުކުރަމުންދާ އާމްދަނީއާ ގުޅޭ އިސްލާހުތަކަށެވެ. މީގެއިތުރުން، ރިޒަރވް ބޭންކް އޮފް އިންޑިއާއިން ބޭރު ފައިސާގެ ސްވޮޕް ފެސިލިޓީއެއް ހޯދުމާއި، ބޭރު ފައިސާގެ ގަވާއިދަށް ގެނެވުނު ބަދަލުތަކުން ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ދައުރުވުން އިތުރުވެ، ސާފު ބައިނަލްއަޤްވާމީ ރިޒަރވް އިތުރުވާނެކަމަށް ބެލެވުންވެސް ހިމެނޭކަމަށް ފިނޭންސްގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އޭގެއިތުރުން 2025 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނޭ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުން، ޑަބަލް ޑެފިސިޓާ ގުޅޭ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެކަމަށް ބެލެވޭކަމަށާއި، އިއާދަކުރަނިވި ހަކަތަ އަދި ބޯހިޔާވަހިކަން ފަދަ ދާއިރާތަކަށް އަމިއްލަ ފަރާތްތަކާއެކު އައު ގޮތްތަކުން ފައިސާ ހޯދުމަށް މަސައްކަތްކުރަމުންދާކަމަށްވެސް ސަރުކާރުން ބުނެފައިވެ އެވެ.
ސަރުކާރުން ވަނީ މޫޑީސްއިން ފާހަގަކޮށްފައިވާ ނުރައްކާތައް ބަލައިގަނެ، މާލީ އަދި ބޭރުގެ ދާއިރާތަކަށް ކުރިމަތިވެފައިވާ ނުރައްކާތައް ކުޑަކުރުމަށް ރޭވިފައިވާ ފިސްކަލް ކޮންސޮލިޑޭޝަން ފިޔަވަޅުތައް ތަންފީޒުކުރުމަށް ދެމިހުންނާނެކަމަށް ބުނެފަ އެވެ. އަދި ’މޯލްޑިވްސް އިކޮނޮމިކް ރިފޯމް އެޖެންޑާ‘ ކާމިޔާބުކަމާއެކު ތަންފީޒުކުރެވުމުން، އިޤްތިޞާދީ ކުރިއެރުން އިތުރުވެ، މާލީ އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އަލުން ޤާއިމުކުރެވޭނެކަމަށް ސަރުކާރުން އުންމީދުކުރާކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.