ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަހަރު ތެރޭ ފެށި ސީ-ޓު-އެއާ ކާގޯގެ ޚިދުމަތާއި އިނގިރޭސިވިލާތުގެ އެއާލައިނެއް ކަމަށްވާ ވާޖިން އެޓްލާންޓިކް މިއަދު ގުޅިއްޖެއެވެ.
މިކަން ހާމަކޮށްފައިވަނީ ވީއައިއޭ އިން މިއަދު ކުރި ޓްވީޓެއްގަ އެވެ.
ވާޖިން އެޓްލާންޓިކަކީ ރާއްޖެއިން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯއާއި ގުޅުނު 12 ވަނަ އެއާލައިން ކަމަށް ވީއައިއޭ އިން ބުނެފައިވެ އެވެ. މީގެ ކުރިން މި ޚިދުމަތާއި ގުޅިފައިވަނީ ގަތަރު އެއާވޭސް، އެމިރޭޓްސް، ޓާކިޝް އެއާލައިންސް، ނީއޯސް އެއާލައިންސް، އެއިރޯފްލޮޓް، އިއްތިހާދު، ބްރިޓިޝް އެއާވޭސް، ގަލްފް އެއާ އަދި ވޯލްޑް ކާގޯ އެއާލައިންސް ފަދަ ބޮޑެތި އެއާލައިންތަކެވެ.
ވާޖިން އެޓްލާންޓިކް އިން ރާއްޖެއިން ކާގޯ އުފުލައިގެން އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ދާނީ އެމެރިކާއަށް ކަމަށް ވީއައިއޭ އިން ހާމަކޮށްފައިވެ އެވެ. މިއީ ރާއްޖެއިން ސީ-ޓު-އެއާ ކާގޯ އެމެރިކާއާއި ހަމައަށް ގެންދާ ފުރަތަމަ ފަހަރު ކަމަށްވެސް ވީއައިއޭ އިން ފާހަގަކޮށްފައިވެ އެވެ.
ސީ-ޓު-އެއާ ކާގޯގެ ޚިދުމަތް ރާއްޖޭގައި ފެށިތާ 8 މަސް ތެރޭގައި މި ޚިދުމަތުގެ ޒަރީއާއިން 1000 ޓަނުގެ މުދާ އުފުލާފައިވާ ކަމަށް ވީއައިއޭ އިން ބުނެފައިވެ އެވެ.
ސީ-ޓު-އެއާ ކާގޯގެ ޚިދުމަތަކީ، ކަނޑު މަގުން އަންނަ މުދާ، ޓްރާންސިޓުކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން ޤައުމުތަކަށް ފޮނުވުމެވެ. މިއީ ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުން ކުރަމުން އަންނަ، އަދި އެޤައުމުތަކުގެ އިޤްތިޞާދަށް ބޮޑެތި މަންފާތަކެއް ގެނެސްދޭ މަސައްކަތެކެވެ.
ރާއްޖޭގައި މި މަސައްކަތް ފެށުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި އެކު ފުރަތަމަ ފަހަރަށް އެއްބަސްވުމެއްގައި ސޮއި ކޮށްފައިވަނީ މިއަހަރުގެ މާރިޗު މަހު ޓާކިޝް އެއަރލައިންސްއާ އެކުގައެވެ. އޭގެ ފަހުން، ފުރަތަމަ ކާގޯ ޝިޕްމަންޓު ފޮނުވާލާފައިވަނީ މިއަހަރުގެ މޭ މަހުގައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ސީ-ޓު-އެއާ