ރާއްޖެއިން ނަގާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކްގެ އެންމެ ފަހުގެ ސެޓްލްމެންޓް ދައްކަންޖެހޭ ގާތްގަނޑަކަށް 25 މިލިއަން ޑޮލަރުގެ ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ދިވެހި ސަރުކާރުން 2021 ވަނަ އަހަރު 500 މިލިއަން ޑޮލަރުގެ ސީނިއާ އަންސެކިއުރިޓީ ސުކޫކެއް ނަގާފައިވާ ކަމަށެވެ. އެ ސުކޫކުގެ މުއްދަތު ހަމަވުމަށް ހަމަޖެހިފައިވަނީ 2026 ގައި ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
24 އޮކްޓޫބަރު 2024 ގެ ނިޔަލަށް މުއްދަތު ހަމަވާ އެ ސުކޫކުގެ އެންމެ ފަހުގެ ސެޓްލްމެންޓް ސަރުކާރުން ވަނީ 7 އޮކްޓޫބަރުގައި ދައްކާ ހަލާސް ކޮށްފަ އެވެ. އެއީ ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ދައުލަތުން ނަގާފައިވާ ދަރަނީގެ ފައިސާ ދެއްކުމަކީ ސަރުކާރުން އަދިވެސް މުހިންމު އިސްކަމެއް ދޭ ކަމެކެވެ. އެގޮތުން ވަގުތުން ކޫޕަން ދެއްކުމަކީ ކްރެޑިޓަރުންނާއި އިންވެސްޓަރުންނަށް ދައްކަންޖެހޭ ދަރަނީގެ ވާޖިބުތައް އަދާކުރުމަށް ސަރުކާރުން ވެފައިވާ ވައުދަށް އަމަލުކުރާކަން ހާމަކޮށްދޭ ކަމެއް ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
ސުކޫކަށް ދައްކަންޖެހޭ ފައިސާ ސަރުކާރުން ދެއްކިއިރު، މި އަހަރުގެ ތެރޭގައި ކްރެޑިޓް ރޭޓިން އެޖެންސީތައްކަމަށްވާ ފިޗްއާ، މޫދީސް އިން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދެ ފަހަރެއްގެ މަތިން ދަށްކޮށްފަ އެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ސުކޫކުގެ އަގު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.