އެމިރޭޓްސް އެއާލައިން އިން ވެސް ރާއްޖޭގައި ސީ ޓު އެއާ ކާގޯގެ ޚިދުމަތް ފަށައިފި އެވެ.
މިކަން ހާމަކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ނެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ބުނެފައިވާ ގޮތުގައި، އެމިރޭޓްސް އިން ވަނީ ބަންގްލަދޭޝް އިން ފެށިގެން ވެލާނާ އެއާޕޯޓަށް އައިސް މިއަދު ހެނދުނު އީކޭ657 އާއި އީކޭ658 އާ ގުޅިފައިވާ 12 ޔޫއެލްޑީ ކާގޯ އުފުލާފަ އެވެ. އެމްއޭސީއެލް އިން މަޢުލޫމާތު ދީފައިވާ ގޮތުގައި މި ޓްރާންސްޝިޕްމަންޓްތައް މިހާރު ދަނީ އިޓަލީގެ މިލާނަށް ދަތުރުކުރަމުން ނެވެ.
އެމިރޭޓްސް އަކީ ރާއްޖޭގެ ސީ ޓު އެއާ ކާގޯގެ ޚިދުމަތް ލިބުނު ތިން ވަނަ އެއާލައިން އެވެ. މީގެ ކުރިން މި ޚިދުމަތް ފޯރުކޮށްދިނުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޓާކިޝް އެއާލައިންސް އާއި ގަތަރު އެއާވޭސް އެވެ.
ނިމިދިޔަ މަހުގެ ފަހުކޮޅު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ގަތަރު އެއާވޭސްގެ ޖެނެރަލް ސަރވިސް އޭޖެންޓް، އޭސް ޓްރެވަލްސް މޯލްޑިވްސްއާ ދެމެދު ސީ-ޓު-އެއަރ ޓްރާންސްޝިޕްމަންޓް ކާގޯ ޚިދުމަތް ފޯރުކޮށްދިނުމާ ގުޅޭ ސަރވިސް އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. މި އެއްބަސްވުމުގެ ދަށުން، ގަތަރު އެއާވޭސް މެދުވެރިކޮށް ސީ-ޓު-އެއަރ ޓްރާންޝިޕްމަންޓް ކާގޯގެ ޚިދުމަތް ރާއްޖެއަށް ލިބިގެންދާނެ އެވެ.
މި ޚިދުމަތް ފެށުމާއެކު، ރާއްޖޭގެ ކާގޯ އުފުލުމުގެ ޚިދުމަތް އިތުރަށް ފުޅާވެ، ވިޔަފާރިވެރިންނަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެ އެވެ.
އެމްއޭސީއެލް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)