ދުނިޔޭގެ އެންމެ މަޝްހޫރު ލަގްޒަރީ ހޮޓެލް ބްރޭންޑްތަކުގެ ތެރެއިން އެއް ބްރޭންޑް ކަމުގައިވާ އަމަން ރިސޯޓްސް އެންޑް ހޮޓެލްސްއިން ދިވެހިރާއްޖޭގެ ވ. އަތޮޅުގައި އައު ރިސޯޓެއް ތަރައްޤީކުރުމަށް ވަނީ ނިންމައިފި އެވެ.
އަމަން ރިސޯޓް އެންޑް ހޮޓަލްސް އިން އަންނަނީ މިހާރުވެސް ދުނިޔޭގެ 20 ޤައުމެއްގައި 35 ހޮޓެލް/ރިސޯޓް ހިންގަމުންނެވެ.
އަމަން މޯލްޑިވްސްގެ ނަމުގައި ހުޅުވުމަށް ހަމަޖެހިފައިވާ މި ރިސޯޓުގައި ހުންނާނީ 52 ގެސްޓް އެކޮމޮޑޭޝަން އަދި 16 ޕްރައިވެޓް ރެސިޑެންސް އެވެ. މި ރިސޯޓުގެ ޑިޒައިން މަސައްކަތް ކުރުމަށް ވަނީ އަމަން ބްރޭންޑާ ދިގު މުއްދަތެއްގެ ގުޅުމެއް އޮތް ކުންފުންޏެއް ކަމަށްވާ ކެރީ ހިލް އާކިޓެކްޓްސްއާ ހަވާލުކޮށްފަ އެވެ.
ރިސޯޓުގައި ހުންނާނީ އެއް ކޮޓަރިން ފެށިގެން ތިން ކޮޓަރީގެ ޕެވިލިއަންތަކެވެ. ކޮންމެ ޔުނިޓެއްގައިވެސް ޕްރައިވެޓް ޕޫލެއް ހުންނާނެ އެވެ. ބައެއް ޔުނިޓުތައް ހުންނާނީ މައި ރަށުގައި އަދި އަނެއްބައި ހުންނާނީ ކައިރީގައިވާ ކުދި ރަށްރަށުގަ އެވެ.
މީގެ އިތުރުން، ރިސޯޓުގައި ގިނަ ރެސްޓޯރަންޓްތަކާއި، ބީޗް ކްލަބަކާއި، ޕްރައިވެޓް ޑައިނިންގ އޭރިއާތައް ހިމެނޭނެއެވެ. ރިސޯޓުގެ 2،638 އަކަ މީޓަރު ޚާއްޞަކުރެވިފައިވަނީ ސްޕާ އަދި ވެލްނެސް ފެސިލިޓީތަކަށެވެ. މީގެ ތެރޭގައި ދެ ޕްރައިވެޓް ސްޕާ ހައުސް ހިމެނެ އެވެ.
ޑައިވިންގ އަދި ވޯޓަރ ސްޕޯޓްސްގެ ޝައުޤުވެރިންނަށް، ރިސޯޓުގައި ޑައިވް ސެންޓަރަކާއި އެކި ބާވަތުގެ ވޯޓަރ ސްޕޯޓްސްގެ ޙަރަކާތްތައް ހިމެނޭނެ އެވެ. މިއިން މެހުމާނުންނަށް ވ. އަތޮޅުގެ މަޝްހޫރު ފަރުތައް އެކްސްޕްލޯރ ކުރުމުގެ ފުރުޞަތު ލިބިގެންދާނެ އެވެ.

އަމަން މޯލްޑިވްސް ތަރައްޤީކުރުމަކީ އަމަން ބްރޭންޑްގެ ގްލޯބަލް ގްރޯތު ސްޓްރެޓެޖީގެ ބައެކެވެ. މި ސްޓްރެޓެޖީގެ ދަށުން ބެންކޮކް، މަޔާމީ އަދި ދުބާއީގައިވެސް އައު ތަންތަން ހުޅުވުމަށް ވަނީ ރޭވިފަ އެވެ.
މި އައު ރިސޯޓު ހުޅުވުމާއެކު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުމެއް ލިބޭނެކަމަށް ބެލެ ވެއެވެ. އަމާން ބްރޭންޑްގެ ފެންވަރު މަތި ރިސޯޓެއް ރާއްޖެއަށް އައުމަކީ ރާއްޖޭގެ ލަގްޒަރީ މާކެޓަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމެކެވެ. އަދި މީގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ މުއްސަނދި ފަތުރުވެރިންގެ އަދަދު އިތުރުިތުރުވެ، ރާއްޖޭގެ އިޤްތިޞާދަށް ފައިދާ ކުރާނެކަމަށް ވެސް ލަފާކުރެވެ އެވެ.