ޗައިނާގެ މާކެޓުގައި ރާއްޖޭގެ ފަތުރުވެރިކަން ހަރުދަނާކޮށް ބޮޑުކުރުމަށް އަލީބާބާގެ ދަށުން ހިންގާ ޗައިނާގެ ލީޑިން އޮންލައިން ޓްރެވަލް ޕްލެޓްފޯމް، ފްލިގީއިން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ވިލާ ނޯޓިކާގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެމްއޯޔޫގައި ސޮއިކުރެއްވީ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އާއި ފްލިގީގެ ނައިބު ރައީސް ޓޮންގް ޓެންގް އެވެ.
އެމްއެމްޕީއާރުސީން ބުނާ ގޮތުގައި ފްލިގީއާ އެކު ވެވުނު މި ޕާޓްނަޝިޕަކީ ޗައިނާގެ ބާޒާރުގައި ޕްރިމިއާ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކޮށް، ދެމެހެއްޓުމަށް އެހީތެރިވެދޭނެ ޕާޓްނަޝިޕެކެވެ. އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ ފާހަގަކުރައްވާ ގޮތުގައި މި މަސައްކަތްތައް އެއްކޮށްލުމުން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް އިތުރު ކާމިޔާބު އަހަރެއް ލިބިގެންދާނެ އެވެ.
”އަޅުގަނޑު ވަރަށް އިހުލާސްތެރިކަމާއެކު، ފްލިގީގެ ޕާޓްނަރޝިޕަށްޓަކައި، އަދި ހުރިހާ ސްޓޭކްހޯލްޑަރުންނަށް ޝުކުރު ދަންނަވަން. ޝައްކެއްނެތް ގޮތުގައި، އަޅުގަނޑުމެން އެންމެން ގުޅިގެން ކުރާ މަސައްކަތުގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކާމިޔާބު އަހަރަކަށް މިއަހަރު ވެގެންދާނެ.“ އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވި އެވެ.
ޗައިނާގެ އެންމެ މަތީ ލީޑިން އޮންލައިން ޓްރެވަލް ޕްލެޓްފޯމްތަކުގެ ތެރޭގައި ފްލިގީ ހިމެނޭކަން ފާހަގަކުރައްވައި ޝިއުރީ ވިދާޅުވީ މި ޕާޓްނަޝިޕްގެ މަގުސަދަކީ ޗައިނާގެ މުހިއްމު ސޯސް މާކެޓެއްގެ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ އެއްވަނަ މަގާމު ދެމެހެއްޓުމުގެ އިތުރުން ރާއްޖެއިން ތަފާތު ޓޫރިޒަމް ސެގްމަންޓްތައް ޕްރޮމޯޓް ކުރުމެވެ.
ޗައިނާގެ ފަތުރުވެރިންގެ އެންމެ މަގްބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ ދެމިއޮތްކަން ފާހަގަކޮށް އެމްއެމްޕީއާރުސީން ވަނީ މި އެމްއޯޔޫއިން ރާއްޖެ، ދުނިޔޭގެ އެންމެ ކުރީގައި އޮތް ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް އެހީތެރިވެދޭނެ ކަމަށް އަލިއަޅުވާލާފަ އެވެ. އަދި ރާއްޖެ އިން ޗައިނާގެ ބާޒާރަށް އެންމެ ފަހުގެ ހަބަރުތައް އަޕްޑޭޓްކޮށް ދައްކާލުމުގައި ވެސް އެމްއޯޔޫގެ އެހީތެރިކަން ލިބިގެންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ. އެ ކޯޕަރޭޝަނުން ދަނީ މާކެޓް ރީޗް ފުޅާކޮށް، ޓޫރިޒަމް ސެގްމަންޓްތައް ފުޅާކޮށް، އިންޑަސްޓްރީގެ ސްޓޭކްހޯލްޑަރުންނާ ގުޅިގެން ފަތުރުވެރިން އަންނަ މިންވަރަށް ބޮޑު ކުރިއެރުމެއް ހޯދުމަށް މަސައްކަތް ކުރަމުން ނެވެ.
ވިލާ ރިސޯޓްސްއާ ގުޅިގެން ވިޒިޓް މޯލްޑިވްސް އިން ބޭއްވި މި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ސަބަބުން ރާއްޖެއަކީ މައިސް ފަތުރުވެރިކަމަށް ވެސް ފުރުސަތުތަކެއް ހުރި މަންޒިލެއްކަން އެނގިގެންދާނެ އެވެ. އެގޮތުން ވިޔަފާރި ބައްދަލުވުންތަކާއި ކޮންފަރެންސްތަކާއި ހަފްލާތައް ބޭއްވުމަށް އެންމެފުރިހަމަ މަންޒިލްގެ ގޮތުގައި ރާއްޖެ ދުނިޔެއަށް ދައްކާލެވޭނެ އެވެ.
”ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމާއި ޗައިނާ ރައްޔިތުންގެ ހިތުގައި ރާއްޖެއާ މެދު އޮތް ލޯތްބަށް ޝުކުރު އަދާކުރަން. މި ޕާޓްނާޝިޕަކީ މި ގުޅުން ހަރުދަނާކޮށް، ބިނާކުރުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް“ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވި އެވެ.
ރާއްޖެ - ޗައިނާ މިނިސްޓްރީ އޮފް ޓޫރިޒަމް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ފަތުރުވެރިކަން