ޗައިނާގެ ޝިއާމެން އެއަރލައިންސް އިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށައިފި އެވެ.
ޝިއާމެން އެއަރލައިންސްގެ ފުރަތަމަ ޝެޑިއުލް ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ އިއްޔެ ހަވީރު 0605 ގަ އެވެ.
ޝިއާމެން އެއަރލައިންސްގެ ޝެޑިއުލްޑް ފްލައިޓްތައް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ފެށުން ފާހަގަކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ސީ.އީ.އޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، މީގެ ކުރިން ޗާޓަރކޮށް ދަތުރު ކުރަމުން އައި މި އެއަރލައިނުން ޝެޑިއުލް ދަތުރުތައް ފެށުމަކީ، ދުނިޔޭގެ އެކި ސަރަހައްދުތަކުން ރާއްޖެއަށް ދަތުރުކުރާ ފްލައިޓްތައް އިތުރުކުރުމަށް އެމް.އޭ.ސީ.އެލްއިން ކުރަމުންދާ މަސައްކަތްތަކަށް ލިބޭ ކުރިއެރުމެއް ކަމަށެވެ. އަދި މިއީ މިއަހަރު 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށްވެސް ސީ.އީ.އޯ ވިދާޅުވި އެވެ.
ޝިއާމެން އެއަރލައިންސް އިން ރާއްޖެއަށް ހަފްތާއަކު 3 ޝެޑިއުލް ދަތުރު ކުރާނެ އެވެ. މި ދަތުރުތަކުގައި ބޭނުންކުރަނީ ބީ737-800 މަރުކާގެ 169 ސީޓުގެ ފްލައިޓެވެ. މި އެއަރލައިން އިން ޝެޑިއުލް ދަތުރުތައް ފަށާފައިވާއިރު، މިއަހަރުގެ ފެބުރުއަރީ އިން ފެށިގެން ޗާޓަރ ދަތުރުތައް ކުރި އެވެ.
ޗައިނާގެ ހަތަރު އެއަރލައިނަކުން ރާއްޖެއަށް ދަތުރު ކުރެ އެވެ. އެއީ ބެއިޖިން ކެޕިޓަލް، ސިޗުއާން އެއަރލައިންސް، ޗޮންޗިން އެއަރލައިންސް އަދި ޗައިނާ އީސްޓަރން އެވެ.



