މެލޭޝިއާ އެއާލައިންސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށަން އުޅޭ ކަމަށް އިއުލާންކޮށްފި އެވެ.
މި އެއާލައިންގެ ފުރަތަމަ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އައުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހުގެ ހެނދުނު އެވެ.
އެ އެއާލައިނުން 174 ފަސިންޖަރުންނަށް ޖާގަ ލިބޭ ބޮއިންގް 737-800 މަރުކާގެ މަތިންދާބޯޓުން ކޮންމެ ދުވަހަކު ކުއަލަލަމްޕޫރާއި ރާއްޖެއާ ދެމެދު ދަތުރުތައް ކުރާނެ އެވެ.
މި އެއާލައިންގެ ފުރަތަމަ ފްލައިޓް ރާއްޖެ އައުން ފާހަގަކުރުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ރަސްމިއްޔާތުގައި ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ އޮފިޝަލުންނާއި މެލޭޝިއާ އެއާލައިންސްގެ މަންދޫބުން ހިމެނެ އެވެ.
މެލޭޝިއާ އެއާލައިންސް އިން މީގެ ކުރިން 2017 ވަނަ އަހަރު ރާއްޖެއަށް އަށް ކުރާ ދަތުރުތައް ހުއްޓާލާފައިވާއިރު، އެ އެއާލައިން އެނބުރި އައުމުން މިދިޔަ އަހަރު މެލޭޝިއާ އިން 13،551 މީހުން ޒިޔާރަތްކުރި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިއެރުމެއް އަންނާނެ ކަމަށް ބެލެވެ އެވެ.


