ކ. މާފުށީ، ކުޅުދުއްފުށީ ސިޓީ، ތިނަދޫ ސިޓީގައި ހުންނަ ސައިޓްތަކުގައި ކަސްޓަމަރުންނަށް ގޭޓް ފީއެއް، އޮގަސްޓް މަހުން ފެށިގެން ތަންފީޒު ކުރާނެ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ބުނެފި އެވެ.
ޖޫން މަހުން ފެށިގެން މި ތިން ރަށުގައި ރަޖިސްޓްރީކޮށްފައިވާ ރައްޔިތުންނަށް ހިދުމަތް ދެމުން އަންނަކަން ވެމްކޯއިން ފާހަގަކުރި އެވެ. ނަމަވެސް ޖޫން މަހު ހިދުމަތަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށާއި، ޖުލައި މަހުގެ ބިލް ދޫކުރާނީ އޮގަސްޓް މަހުގެ ފުރަތަމަ ހަފްތާގައި ކަމަށް އެކުންފުނިން ބުންޏެވެ.
މާފުށި، ކުޅުދުއްފުށީ، އަދި ތިނަދޫގައި ވެމްކޯގެ ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ކޮންމެ ގޭބިސީއަކުން މަހަކު ގާތްގަނޑަކަށް 10 ޑޮލަރުގެ ފީއެއް ނަގާނެ އެވެ. މާފުށީގައި ވިޔަފާރިތަކުން ލީޓަރަކުން 0.017 ޑޮލަރު، ތިނަދޫ އަދި ކުޅުދުއްފުށީގައި ލީޓަރަކުން 0.064 ޑޮލަރު ނެގުމަށް ވެމްކޯއިން ނިންމާފައި ވެއެވެ.
މީގެ އިތުރުން މާފުށީގައި ހުންނަ ވެމްކޯގެ ސައިޓްތަކުން ޓަނަކަށް 32 ޑޮލަރު ނަގާއިރު، ތިނަދޫ އަދި ކުޅުދުއްފުށީގެ ސައިޓްތަކުން ޓަނަކަށް ހަތް ޑޮލަރު ނަގަން ވެމްކޯއިން ނިންމާފައި ވެއެވެ. އަދި މި ތިން ސަރަހައްދުން ވެސް 172 ޑޮލަރުގެ ގޭޓް ފީއެއް ނަގާނެ ކަމަށް ވެމްކޯއިން ބުނެފައި ވެއެވެ.