ޗައިނާގެ ޗޮންގްޖިންގް އެއާލައިންސްއިން އިން ރާއްޖެއަށް އަލުން ދަތުރުކުރަން ފަށައިފި އެވެ.
ޗައިނާގެ ޗޮންގްޖިންގްއިން ރާއްޖެއަށް ފުރަތަމަ ފްލައިޓް އައިސްފައިވަނީ އިއްޔެގަ އެވެ. ޗޮންގްޖިންގް އިން ރާއްޖެއަށް ފުރަތަމަ ފްލައިޓް އިއްޔެ ޖައްސާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގަ އެވެ. ވީއައިއޭއަށް ޖެއްސިއިރު އެ އެއާޕޯޓުން ވަނީ ފްލައިޓަށް މަރުހަބާ ކިޔުމަށް ވޯޓާ ސެލިއުޓެއްވެސް ކޮށްފަ އެވެ.
މިކަން ފާހަގަކުރުމަށް ޓުއަރިޒަމް މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ ބޭފުޅުންތަކެއް ވަނީ ފްލައިޓަށް މަރުހަބާ ކިޔުމަށް އެއާޕޯޓަށް ވަޑައިގެންފަ އެވެ. ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލްއާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕިއާރްސީ) ގެ އެމްޑީ އިބްރާހީމް ޝިއުރީ އާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވަން ލީޝިން އާއި ޗޮންގްޖިންގް އެއާލައިންސްގެ ވައިސް ޕްރެޒިޑެންޓް ސިޔެ ޖިންގޕިންގވެސް މި ހަފްލާގައި ބައިވެރިވެވަޑައިގެންނެވި އެވެ.
ޓުއަރިޒަމް މިނިސްޓްރީން ބުނީ މި ފްލައިޓުން ރާއްޖެއަށް އައި ފަސިންޖަރުންނާއެކު ރާއްޖޭގެ ފަތުރުވެރިކަމަށް އާ ފުރުސަތުތައް ހުޅުވި، ޗައިނާއާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން ވަރުގަދަވާނެ ކަމަށެވެ.
މިކަމާއި ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސަފީރު ވަން ލީޝިން ވަނީ ޗައިނާއިން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވެ، ދެ ގައުމުގެ ފަތުރުވެރިކަމުގެ ދާއިރާގައި އެއްބާރުލުން ފުރިހަމަވެގެންދިއުމަށް އުންމީދުކުރަައްވާ ކަމަށް ވިދާޅުވެފަ އެވެ.
މިއަހަރު ޓޫރިޒަމް މިނިސްޓްރީން ނެރުނު ތަފާސް ހިސާބުތައް ދައްކާގޮތުގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާ އިންނެވެ. އާދީއްތަ ދުވަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް 114،339 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާފައި ވެއެވެ. އެއީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ 11.6 އިންސައްތަ އެވެ.
ރާއްޖެއަށް މީގެ ކުރިން ޗޮންގްޖިންގް އެއާލައިންސްއިންެ ކުރާ ދަތުރުތައް ހުއްޓާލާފައިވަނީ ކޮވިޑް-19 ގެ ޕެންޑަމިކްގެ ދުވަސްވަރު އެވެ.