ރާއްޖޭގެ ބިމުގެ ބޭނުން ދެމެހެއްޓެނިވި ގޮތަކަށް ބޭނުން ކުރަން ޖެހޭ: މިނިސްޓަރު

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ ބިމުގެ ސިއްހަތު ދަމަހައްޓައި ބިމުގެ ބޭނުން ދެމެހެއްޓެނިވި ގޮތަކަށް ބޭނުން ކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް ކަމަށް ދަނޑުވެރިކަމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މާރިޔާ މިފަދައިން ވިދާޅުވީ ދުނިޔޭގެ ވެލީގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖުގަ އެވެ. އެގޮތުން މިނިސްޓަރު މާރިޔާ ވިދާޅުވީ ރާއްޖޭގައި ބިމުގެ ވަސީލަތަކީ ވަރަށް ތަދު ވަސީލަތެއް ކަމަށެވެ. ރާއްޖޭގެ ރަށްތައް ކުޑަކަން ފާހަގަ ކުރައްވައި ވިދާޅުވީ ރަނގަޅު ވެލި ހިމެނޭ ބިންތައް މަދުވުމުގެ ސަބަބުން ދަނޑުވެރިކަމަށް ބޭނުންކުރެވޭ ބިންތައް މަދުކަމަށެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ބިންގަނޑަށް ލިބޭ ގެއްލުންތައް އިތުރުވަމުން އަންނަ ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ. އެގޮތުން ރަށް ގިރުމުގެ މައްސަލަތަކާއި ކަނޑުގެ ލޮނުގަނޑު އުފުލި ގަސްގަހާއި ގެހި ނެތެމުން ފަނާވަމުން އަންނަކަން ފާހަގަކުރެއްވި އެވެ.

”ރަށް ގިރުމުގެ މައްސަލަތައް މިވަނީ އިންތިހާއަށް އިތުރުވެފަ. ކަނޑުގެ ލޮނުގަނޑު މައްޗަށް އުފުލެމުން ދިއުމުގެ ސަބަބުން ބިންގަނޑު ލޮނުވެ ގަސް ގަހާގެހި ދަނީ ނެތެމުން ފަނާވަމުން. އެހެންކަމުން ރާއްޖޭގައި ބިމުގެ ސިއްޙަތު ދެމެހެއްޓުމާއި ބިމުގެ ބޭނުން ދެމެހެއްޓެނެވި ގޮތަކަށް ބޭނުންކުރުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް.“ މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުނި މެނޭޖު ކުރުމާ ދަނޑުވެރިކަމަށް ބޭނުންކުރާ ބިންތަކުގައި ރަނގަޅު އަދި ދެމެހެއްޓެނެވި އުސޫލުތައް ބޭނުންކުރުން ވަރަށް މުހިއްމު ކަމަށެވެ. އެގޮތުން ގޭގޭގައި ތަރުކާރީ ހައްދައިގެން ކުދިކުދި ބިންތަކުގެ ފައިދާ ހެޔޮ ގޮތުގައި ނެގުންވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ. އަދި ހުރިހާ ފަރާތްތަކުން ވެސް ގަސްގަހާގެހި އިތުރުކޮށް ދެމެހެއްޓެނިވި ދުޅަހެޔޮ ސިޓީތަކެއް ބިނާކުރުމަށް އިލްތިމާސް ކުރެއްވި އެވެ.

ކޮންމެ ޑިސެންބަރު މަހެއްގެ ހަ ވަނަ ދުވަސް ފާހަގަ ކުރަނީ ދުނިޔޭގެ ވެލީގެ ދުވަހުގެ ގޮތުގައެވެ. މި ދުވަސް ފާހަގަ ކުރަނީ ބިމުގެ ސިއްހަތާއި، ކާނާގެ ރައްކާތެރިކަމާއި ތިމާވެށީގެ ނިޒާމްތަކަށް ބިން އަދާކުރާ މުހިންމު ދައުރުގެ މައްޗަށް ބައިނަލްއަގްވާމީ ފެންވަރުގައި އަހުލުވެރިކަން އިތުރުކުރުމަށެވެ. މި އަހަރުގެ މި ދުވަހުގެ ޝިއާރަކީ ދުޅަހެޔޮ ބިން، ދުޅަހެޔޮ ސިޓީ އެވެ.

މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ