މިދިޔަ ދެ ދުވަހު ހުޅުމާލެއާއި މާލެއިން 100 އަށްވުރެ ގިނަ އުޅަނދު ޓޯކޮށްފައިވާ ކަަަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، ޖުމުލަ 142 އުޅަނދު ވަނީ މިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ޓޯކޮށްފަ އެވެ. އެއީ، މާލެއިން ޓޯކުރި 91 އުޅަނދާއި ހުޅުމާލެއިން ޓޯކުރި 51 އުޅަނދެވެ.
އެ އުޅަނދުތަކުގެ ތެރޭގައި އެންމެ ގިނައީ ދެފުރޮޅުލީ އުޅަނދުތަކެވެ. އެ ބާވަތުގެ 121 އުޅަނދު ޓޯކޮށްފައިވާއިރު، ހަތަރު ފުރޮޅުލީ 21 އުޅަނދެއް މި ދެ ދުވަހު ވަނީ ޓޯކޮށްފަ އެވެ. މީގެ އިތުރުން، މާލެއިން 15 އުޅަނދެއްގެ ޕާކިން ޒޯން ފުލުހުން ބަދަލު ކޮށްފައިވާ ކަމަށް ތަފާސްހޮސާބުތަކުން ދައްކަ އެވެ.
ހުޅުމާލެއިން އެންމެ ގިނައިން މިދިޔަ ދެ ދުވަހު ޓޯކުރީ ގަވައިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތަކެވެ. އެ ބާވަތުގެ 41 އުޅަނދެއް ފުލުހުން ވަނީ ޓޯވ ކޮށްފަ އެވެ. އަދި، ލައިސަންސް ނެތި ދުއްވައިގެން ހަތް އުޅަނދާއި ނުރައްކާތެރިކޮށް ދުއްވި އުޅަނދަކާއި ރަޖިސްޓްރީ ނަމްބަރު ބަދަލުކޮށްގެން ދުއްވި އުޅަނދެއް ވެސް ޓޯކުރި ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
މީގެ އިތުރުން، މިދިޔަ ދެ ދުވަހު ހުޅުމާލޭގައި ފުލުހުން ވަނީ ވިހި އުޅަނދެއް ޓްރެފިކް ޖޫރިމަނާކޮށްފަ އެވެ.



