މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ހުޅުމާލޭގައި ހުންނަ ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގައި ނިޔާވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑުން 818 ގްރާމްގެ މަސްތުވާތަކެތި ނަގައިފި އެވެ.
ނިޔާވެފައި އޮއްވާ ފެނިފައިވަނީ 40 އަހަރުގެ ނޭޕާލް ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ. މިމީހާގެ ހަށިގަނޑު ތަހުލީލުކުރުމުގެ ތެރެއިން، މަސްތުވާތަކެތި އެތެރެކުރުމުގެ ކުށުގެ ތުހުމަތު މިމައްސަލައަށް ވަނީ ކުރެވިފަ އެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މިމީހާ ރާއްޖެއައިސްފައިވަނީ ނޮވެމްބަރު 26 ވަނަ ދުވަހު އިތުރު ދެ މީހަކާއެކު އެވެ. އެމީހުން މާފުށީގައި ދުވަސްކޮޅަކު އުޅުމަށްފަހު ހުޅުމާލޭގެ ގެސްޓް ހައުސްއަށް ޗެކިން ވެފައިވަނީ ނޮވެމްބަރު 28 ވަނަ ދުވަހުގެ ހެނދުނުގަ އެވެ. ނަމަވެސް، އޭނާއާއެކު އައި ދެ މީހުން ހަމަ އެދުވަހު ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައިވާކަން ތަހުގީގަށް ވަނީ އެނގިފަ އެވެ.
ނިޔާވި މީހާގެ ހަށިގަނޑުގައި އަނިޔާގެ ނިޝާނެއް ފެނިފައިނުވި ނަމަވެސް، ސީޓީ ސްކޭނެއް ހެދުމުން އޭނާގެ ގޮހޮރުގައި މަސްތުވާތަކެތި ހުރިކަން ފާހަގަ ކުރެވުނެވެ. ގާނޫނީ ގޮތުން އަމަލުކުރަންވީ ގޮތުގެ ލަފާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހޯދުމަށްފަހު، ޑިސެންބަރު 2 ވަނަ ދުވަހުގެ ރޭ ނިޔާވި މީހާގެ ހަށިގަނޑުގައި ހުރި މަސްތުވާތަކެތި ނަގާފައިވާކަމަށް ފުލުހުން ބުނެ އެވެ. ހަށިގަނޑު ޑީކޮމްޕޯސްވެފައިވާ މިންވަރު ބޮޑުކަމުން، ސިއްހީ ހިދުމަތްދޭ ތަނެއްގައި މި އޮޕަރޭޝަން ކުރެވިފައިނުވާ ކަމަށާއި، އެކަމަށް ހާއްސަ ޑޮކްޓަރުންގެ ލަފައާއެކު ޑޮކްޓަރުން މި އޮޕަރޭޝަން ކޮށްފައިވަނީ އެހެން ތަނެއްގައި ކަމަށް ފުލުހުން ބުނެ އެވެ.
މި އޮޕަރޭޝަންގައި ނިޔާވި މީހާގެ ހަށިގަނޑުން ޖުމްލަ 78 ބްލެޓް ނަގާފައިވާއިރު، މިތަކެތީގެ ބަރުދަނަކީ 818 ގްރާމް ކަމަށް ފުލުހުން ހާމަކުރެ އެވެ. މި މައްސަލަ ތަހުގީގު ކުރަމުންދާތީ، މިހާތަނަށް މައުލޫމާތު ހާމަކޮށްފައިނުވަނީ މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބަލައި، ލިބިފައިވާ މައުލޫމާތުތައް ކަށަވަރުކޮށް، މިކަމުގައި ހިމެނޭ މީހުން ދެނެގަތުމަށާއި ގުޅުންހުރި އިތުރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާތީ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން މިހާރުވެސް މި މައްސަލަ ތަހުގީގު ކުރަމުންދާއިރު، މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ހާމަކުރާއިރު ދޮގު މައުލޫމާތު ނުފެތުރުމަށާއި ތެދު މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މަސްތުވާތަކެތި ދިވެހި ފުލުހުންގެ ޚިދުމަތް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)



