މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އެ މަގުގެ ފުރަތަމަ ފިޔަވަހީގެ ސެގްމަންޓް 1 ގައި ތާރުއެޅުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
ބޮޑުތަކުރުފާނު މަގުގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ.
މި މަގު ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހި ފަށާފައިވަނީ މާލޭގެ ލޯކަލް މާރުކޭޓު ސަރަޙައްދުން ފެށިގެން ހުޅުމާލެ ފެރީ ޓަރމިނަލްއާ ހަމައަށެވެ. މިފިޔަވަހި ޖުމްލަ 5 ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، ސެގްމަންޓް 1 ގައި ތާރުއެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. މި ސެގްމެންޓުގައި ހިމެނެނީ ލޯކަލް މާރުކޭޓު ސަރަޙައްދުން ފެށިގެން ޝަހީދު ޙުސައިން އާދަމް ބިލްޑިންގްއާ ހަމައަށްވާ 130 މީޓަރުގެ ސަރަޙައްދެވެ.
މި މަޝްރޫޢުގެ ދަށުން މަގު ތަރައްޤީކުރުމަށްޓަކައި އެ ސަރަޙައްދުގެ އެއްގަމު ތޮށި ވަނީ 6 މީޓަރު ބޭރަށް ޖައްސައިގެން ފުޅާކުރެވިފަ އެވެ. އަދި މަގު ތަރައްޤީކުރަނީ ޒަމާނީ ފެން ހިންދާ ނިޒާމަކާއެކު އެވެ. މުޅި މަޝްރޫގެ 5 ސެގްމަންޓްގައި ޖުމްލަ 830 މީޓަރުގެ މަގު ތަރައްޤީކުރެވޭނެކަމަށް އެމްޓީސީސީން ބުނެ އެވެ.
މި މަގު ތަރައްޤީކުރަނީ 4 ލޭނަށް ބަހާލައިގެންނެވެ. މަސައްކަތް ނިމޭއިރު، ދުއްވާ މީހުންނާއި ހިނގާ މީހުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ބުނެފައިވެ އެވެ. މި މަޝްރޫ އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިޔަން ރުފިޔާއަށެވެ. މި މަސައްކަތް އެއް އަހަރާއި ތިން މަސް ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ.
ބޮޑުތަކުރުފާނު މަގުގެ ފުރަތަމަ ފިޔަވަހީގެ ތާރުއެޅުމުގެ މަސައްކަތް ފަށާފައިވާއިރު، އެމްޓީސީސީން މިހާރު އަންނަނީ މަޝްރޫގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށްވެސް ތައްޔާރުވަމުންނެވެ. އެގޮތުން ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރުމަށްޓަކައި ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުން، މަސްމާރުކޭޓުން ފެށިގެން ނޯތު ހާބަރު ނިމޭ ހިސާބަށްވާ ސަރަހައްދާ ހަމައަށް ތަރައްޤީކުރުމަށްޓަކައި އާންމުގެ ޚިޔާލު ހޯދާ އީއައިއޭ ހެދުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 144.5 މިލިޔަން ރުފިޔާއަށެވެ.
މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)



