ހުޅުމާލޭގެ ”ޕޮކެޓް ޕާކިން“ ޒޯންތަކުން ޕާކް ކުރާނެ ޖާގަ ކުއްޔަށް ހިފުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ފައިސާ ދައްކަންޖެހި، އެ ފައިސާ ނުދައްކައިވާ ފަރާތަކަށް ވެގެންނުވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެޗްޑީސީއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ހުޅުމާލޭގެ ”ޕޮކެޓް ޕާކިން“ ޒޯންތަކުން ޕާކް ކުރާނެ ޖާގަ ކުއްޔަށް ހިފުމަށް އެދި ހުށަހަޅާފައިވާ ފޯމްތަށް ރިވިއު ކުރުމުގެ މަރުހަލާ ނިމިމަކަށް ގެނެސް، ޕާކިން ޖާގަ ކުއްޔަށް ނެގުމަށް ޝަރުތުހަމަވާ ފަރާތްތަކުގެ ލިސްޓް އާންމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެޗްޑީސީން ވަނީ އިއުލާންގައި ބުނެފައިވާގޮތަށް ފޯމު ހުށަހަޅުއްވާފައިވާ ފަރާތަކީ އެ ކޯޕަރޭޝަންގެ އެއްވެސް ފައިސާއެއް ދައްކަންޖެހި، އެ ފައިސާ ނުދައްކައިވާ ފަރާތަކަށް ވެގެން ނުވާނެކަން ފާަހަގަކޮށްފަ އެވެ. އަދި މި ޝަރުތުގެ ދަށުން، ފޯމް ހުށަހަޅާފައިވާ ފަރާތްތަކުން މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އެ ކޯޕަރޭޝަނަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ވާނަމަ އެ ފައިސާއެއް ދައްކައި ނިންމުމަށްވެސް އެޗްޑީސީއިން ވަނީ އިލްތިމާސްކޮށްފަ އެވެ. މި މުއްދަތުގެ ތެރޭގައި އެ ފައިސާ ނުދައްކައިފިނަމަ، މައުލޫމާތު ކަރުދާހުގެ 2.4 ވަނަ މާއްދާގެ ދަށުން ޝަރުތު ހަމަ ނުވާތީ އެ ފަރާތްތަކުގެ ފޯމު ބާތިލް ކުރެވޭނެ ކަމަށްވެސް އެޗްޑީސީއިން ވަނީ އަންގާފަ އެވެ.
އެޗްޑީސީން މި ފަހުން ވަނީ ވިނަރެސްގެ ޓަވަރުތަކުން ކާރު ޕާކިންގެ 94 ޖާގަ ބީލަން އުސޫލުން ވިއްކުމަށްވެސް އިއުލާންކޮށްފަ އެވެ.


