ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ގާޒީ ފާއިޒް މަގާމުން ވަކިކުރުމަށް ނިންމީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅޭ ކަމަށް ތުހުމަތުކުރެވޭ މީހަކު ބަންދުން ދޫކޮށްލި މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލުމަށްފަހު އެވެ.
ގާޒީ ފާއިޒް ވަކިކުރަން ޖޭއެސްސީއަށް ހުށަހެޅި މައްސަލައަކީ ސ. ހިތަދޫ ކޯޒީކޯނާ، އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލި މައްސަލަ އެވެ. އަލީ އަންވަރަކީ އީރާނު ބޯޓަކުން ރާއްޖެއަށް އެތެރެކުރި 70 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ވެސް މީގެ ކުރިން ހައްޔަރުކުރެވިފައިވާ މީހެކެވެ. އޭނާ މަސްތުވާތަކެތީގެ އެހެން މައްސަލައަކާ ގުޅިގެން މިދިޔަ އޮކްޓޫބަރު މަހު ހައްޔަރުކޮށް، ބަންދަށް ފަސް ދުވަސް ކްރިމިނަލް ކޯޓުން ދިނެވެ.
ނަމަވެސް، އެ މުއްދަތު ހަމަވުމާ ގުޅިގެން އޮކްޓޫބަރު 18 ވަނަ ދުވަހު އަލީ އަންވަރު ކޯޓަށް ހާޒިރުކުރުމުން، އެއްވެސް ޝަރުތަކާ ނުލައި އޭނާ ވަނީ ދޫކޮށްލާފަ އެވެ. މި ނިންމެވުމާ ގުޅިގެން ގާޒީ ފާއިޒްގެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅި، އެ ކޮމިޝަނުން ވަނީ އޭނާ މަގާމުން ވަކިކުރުމަށް ނިންމާފަ އެވެ.
މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އިއްޔެ ދިރާސާކުރި އެވެ. ކޮމިޓީން ދިރާސާކުރުމަށްފަހު ނިންމީ، ފާއިޒް ގާޒީކަމުން ވަކިކުރަން ޖޭއެސްސީން ނިންމާފައިވަނީ ހަމަޖެހިފައިވާ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށެވެ. އެހެންކަމުން، ކޮމިޓީގެ އިއްތިފާގުން ވަނީ ފާއިޒް ވަކިކުރުމަށް މަޖިލީހުގެ ތަޅުމަށް ހުށަހަޅާފަ އެވެ.
ގާޒީ ފާއިޒް މަގާމުން ވަކިކުރުމަށް ފެންނަ ކަމަށް މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ބައިވެރިވި 64 މެންބަރުންގެ ތެރެއިން 56 މެންބަރުން ވަނީ ވޯޓު ދެއްވާފަ އެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ 8 މެންބަރުންނެވެ.
ފާއިޒް ގާޒީކަމުން ވަކިކުރަން މިއަދު ނިންމިއިރު، އޭނާ ހުންނެވީ 60 ދުވަހުގެ ސަސްޕެންޝަނެއްގަ އެވެ.
ގާޒީ ފާއިޒް ކްރިމިނަލް ކޯޓަށް އައްޔަނުކޮށްފައިވަނީ 2019 ވަނަ އަހަރުގަ އެވެ. އޭގެ ކުރިން އޭނާ ހުންނެވީ ސިވިލް ކޯޓުގެ ގާޒީކަމުގަ އެވެ.
ރައްޔިތުންގެ މަޖިލިސް ކްރިމިނަލް ކޯޓު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)



