ރާއްޖޭގެ ކޮންމެ ރަށަކުންވެސް ތަރައްގީގެ މަޝްރޫއުތައް ހިނގަމުންދާތަން މިހާރު ފެންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާލުވެފައި ވަނީ، ގުޅީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ރައްޔިތުން ބޭނުންވާ ގޮތަށް ގުޅީގެ ބިން ބޭނުން ކުރުމަށް ލޭންޑްޔޫސް ޕްލޭން ހެދުމުން ބިން އެންމެ ހެޔޮ ގޮތުގައި އެ ރަށުގެ ރަށްޔިތުންނަށް ބޭނުން ކުރެވޭނެ ގޮތް ފަހިވެގެންދާނެ ކަމަށެވެ.
ރައްޔިތުންނަށް ބޭނުންވާ ކަންކަން ގުޅީގައި އަލަށް ހިއްކި ބިމުގައި ކުރުމުގައި ފުރިހަމަ އެއްބާރުލުން ދޭނެކަމާއި، މަގުފަހި ކޮށްދޭނެކަމުގެ ޔަގީންކަން އަރުވާކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
”އެއީ ގޯތި ގެދޮރު ބިނާ ކުރުމަށްޓަކައި ހައުސިން މަޝްރޫއުތަށް ހިންގައިދިނުން ކަމުގައިވިޔަސް އަދި އިޖްތިމާއީ އުމްރާނީ ތަރައްގީއަށް ބޭނުންވާ ކަންކަމަށް އިސްކަންދީގެން މަސައްކަތްތައް ކުރުން ކަމުގައިވިޔަސް ސަރުކާރުން އޮންނާނީ ތިޔަ ލޮބުވެތި ރަށްޔިތުންނާއި އެކު.“
ރައީސް މުއިއްޒު ވިދާޅުވީ، ރަށްޔިތުން ދާން ބޭނުންވާ މިސްރާބަކަށް ދިޔުމުގައި ސަރުކާރުން ފުރިހަ އެއްބާރުލުން ދޭނެ ކަމަށެވެ.
މީގެއިތުރުން ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ކޮންމެ ރަށްގައި ވެސް ތަރައްގީގެ ކަންކަން ހިނގަމުންދާތަން، ނިމެމުންދާތަން އަދި އާ މަޝްރޫއުތައް ފެށޭތަން މިހާރު ފެންނާނެ ކަމަށެވެ.
ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދެވުމަކީ ސަރުކާރުގެ އަމާޒުކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އެ ވައުދުތައް ފުއްދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
މިދަތުރުފުޅުގެ ތެރެއިން ވަނީ ގުޅީގެ ބިން ހިއްކުމުގެ މަޝްރޫއު ނިންމުން ފާހަގަކުރައްވާފަ އެވެ. އަދި އެރަށުގެ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ.



