ހެކިބަސްދޭ މީހުންނަށް ރައްކާތެރިކަން ދިނުމަށް ފުލުހުންގެ ހިދުމަތުގައި ”ވިޓްނަސް ޕްރޮޓެކްޝަން ޔުނިޓް“ އުފައްދައިފި އެވެ.
މި ޔުނިޓް އުފައްދާފައިވަނީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދަށް ގެނައި އިސްލާހުގަ އެވެ.
އިއްޔެ ޝާއިއުކުރި މި އިސްލާހުގެ ތެރެއިންވަނީ ހެކީންނަށް ރައްކާތެރިކަން ދިނުމާ ބެހޭ ބާބެއް އިތުރުކޮށްފަ އެވެ. އެގޮތުން އެ ބާބުގައި ބުނެފައިވަނީ، ޖިނާއީ މައްސަލައެއްގެ ހެއްކެއްގެ ގޮތުގައި ހުށަހެޅިދާނެ މީހަކަށް ނުރައްކަލެއް އޮތްކަމަށް އެމީހަކަށް ގަބޫލުކުރެވޭނަމަ ނުވަތަ މައްސަލަ ތަހުގީގުކުރާ ފަރާތަށް ގަބޫލުކުރެވޭނަމަ، އެ މީހަކަށް އޮތް ނުރައްކާ ދެނެގަނެ، ހެކިބަސްދޭ މީހާއަށް ރައްކާތެރިކަން ދިނުމާމެދު ގޮތެއް ނިންމުމަށްޓަކައި، ރިސްކް އެސެސްމަންޓަކާއި ތްރެޓް އެސެސްމަންޓެއް ހަދަންވާނެ ކަމަށެވެ. އަދި އެމީހަކަށް ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ކަމަށް ފެންނަނަމަ ވިޓްނަސް ޕްރޮޓެކްޝަން ޕްރޮގްރާމުގައި އެ މީހަކު ބައިވެރިކުރަން ނިންމަންވާނެ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.
މި އިސްލާހުގައި ބުނެފައިވަނީ މި ގަވައިދަށް އަމަލުކުރަން ފެށުމާއެކު، ޖިނާއީ ކުށުގެ މައްސަލަތަކުގައި ހެކިބަސްދޭ ފަރާތްތަކަށް ރައްކާތެރިކަން ދިނުމަށް ހާއްސަކޮށްފައިވާ ”ވިޓްނަސް ޕްރޮޓެކްޝަން ޔުނިޓް“ އެއް ފުލުހުންގެ ހިދުމަތުގައި އުފެދުނީ ކަމަށެވެ. އަދި މި ޔުނިޓް އުފެދުމާއެކު މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުން އައި ޔުނިޓަކީ، މި ގަވާއިދުގެ ދަށުން އުފެދިފައިވާ ޔުނިޓުކަމުގައި ބަލަންވާނެ ކަމަށްވެސް ބުނެފައިވެ އެވެ.
މި ޔުނިޓްގެ އޮޕަރޭޝަނަލް މަސައްކަތްތަކާއި ޓެކްޓިކަލް މަސައްކަތްތަކާ ގުޅޭގޮތުން ދުވަހުން ދުވަހަށް ރިޕޯޓުކުރާނީ އިންވެސްޓިގޭޝަން ކޮމާންޑުގެ އެންމެ އިސް ވެރިޔާއަށް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.
ހެއްކަކާއި ގުޅޭގޮތުން ތައްޔާރުކުރާ ރިސްކް އެސެސްމަންޓާއި ތްރެޓް އެސެސްމަންޓުގެ މައްޗަށް ބިނާކޮށް، ހެކިންނަށް ރައްކާތެރިކަން ދެވޭނެ ގޮތްތައްވެސް މި އިސްލާހުގައި ވަނީ ބަޔާންކޮށްފަ އެވެ. އެގޮތުން އެ ހެއްކެއް ދިރިއުޅޭ ތަން ބަދަލުކުރުން، ހެއްކެއްގެ ވަނަވަރު ބަދަލުކުރުން، ހެކިވެރިޔާ ސަވައިލްކުރުން، ހެކިވެރިޔާ ދިރިއުޅޭ ތަނާއި، ވަޒީފާ އަދާކުރާ ތަނުގައި ސަލާމަތީ އާލާތް ކުރުން، ހަށިފާރަވެރިން މެދުވެރިކޮށް ހެކިވެރިޔާއަށް ރައްކާތެރިކަން ދިނުން، ހެކިވެރިޔާ މީހުންނާ މުއާސަލާތުކުރުމުގައި ވަކި އާލާތެއް ބޭނުންކުރުން ނުވަތަ ނުކުރުން އަދި ހާލަތާއި އެކަށީގެންވާ ޒަރޫރީ ފިޔަވަޅުތައް އެޅޭނެ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.
ވިޓްނަސް ޕްރޮޓެކްޝަން ޕްރޮގްރާމުގެ ދަށުން ހެކިބަސްދޭ މީހަކަށް ހިމާޔަތް ދިނުމުގެ ގޮތުން އެ މީހަކު ވަކިގޮތަކަށް އަމަލުކުރަންޖެހޭނެ އެއްވެސް ފިޔަވަޅެއް އެޅޭނީ، ހެކިވެރިޔާ އެ ފިޔަވަޅަށް ލިޔުމުން ރުހުން ދިނުމުން ކަމަށް ބަޔާންކޮށްފައިވެ އެވެ. މި އިސްލާހުގައި ވަނީ ހިމާޔަތްދިނުން ނިމުމަކަށް އަންނާނޭ ހާލަތްތައްވެސް ބަޔާންކޮށްފަ އެވެ. އަދި ހިމާޔަތާއި ރައްކާތެރިކަން ދެވޭ މީހުންގެ ދަފުތަލެއް ބަލަހައްޓަންވާނެ ކަމަށްވެސް ބުނެފައިވެ އެވެ.


