”ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ“ އަކީ ސަރުކާރުގެ ހިތްވަރުގަދަ ނިންމެވުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ފަސްޓް ލޭޑީ ސާޖިދާ މިހެން ވިދާޅުވީ، މިއަދުން ފެށިގެން ”ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ“ ތަންފީޒު ކުރަން ފެށުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެގޮތުން ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވެފައި ވަނީ، ސަރުކާރުގެ މި ނިންމެވުމަކީ ހިތްވަރުގަދަ ނިންމެވުމެއް ކަމަށާއި، މިއީ ކުރިއަށް އޮތް ޖީލުތަކުގެ ހެޔޮ ދުޅަހެޔޮކަމަށް ވަރުގަދަ އިންވެސްޓްމަންޓެއް ކަމަށެވެ.
ސިއްހީ ދުޅަހެޔޮކަމަށް ވަކާލާތުކުރާ ފަރާތެއްގެ ހައިސިއްޔަތުން، ސަރުކާރުގެ މި ނިންމެވުމަށް މަރުހަބާ ކިޔާކަމަށާއި، މިއީ ބަލިތަކުން ރައްކާތެރިވުމަށް އެޅި ވަރުގަދަ ފިޔަވަޅެއް ކަމަށްވެސް ސާޖިދާ ވިދާޅުވި އެވެ.
މިއަދުން ފެށިގެން ރާއްޖޭގައި ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ ތަންފީޒުކުރަން ވަނީ ފަށާފަ އެވެ. ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށްގެނައި އިސްލާހަށް މިއަދު އަމަލުކުރަން ފެށިއިރު، 1 ޖަނަވަރީ 2007 ގައި އަދި އޭގެ ފަހުން އުފަންވެފައިވާ ފަރާތްތައް މިއަދުން ފެށިގެން ދުންފަތް ބޭނުންކުރުން މަނާވާނެ އެވެ.
މި ގާނޫނުގެ ދަށުން 21 އަހަރު ނުފުރޭ މީހުނަށް ވެސް ދުންފަތް ވިއްކުން މަނާކޮށްފައިވާއިރު، މި ގާނޫނު ފާސްވުމުން އުމުރުން 21 އަހަރު ވެފައިނުވާ މީހަކަށް ދުންފަތުގެ ބާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް ވިއްކާ ފިހާރައެއްގެ ސޭޓަކަށް އިނުން ނުވަތަ ވިޔަފާރީގެ އެހެން މުއާމަލާތެއް ކުރުމުގައި ބައިވެރިވުން ވެސް މަނާ ވާނެ އެވެ.
