މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި ދައުލަތުގެ ކުންފުނިތަކުގެ ވެރިންގެ މާލީ ބަޔާންތައް އޮޑިޓަރ ޖެނެރަލަށް ހުށަހަޅާ ގޮތަށް ގާނޫނު އިސްލާހުކުރުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ގިނަ މެމްބަރުން މިއަދު ވާހަކަދައްކައިފި އެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި މި އިސްލާހުތަކަކީ، މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި ދައުލަތުގެ ކުންފުނިތަކުގެ ވެރިންގެ މާލީ ބަޔާންތައް އޮޑިޓަރ ޖެނެރަލް މެދުވެރިކޮށް އާންމުކުރަން ލާޒިމްކުރާ ގޮތަށް އޮޑިޓް ގާނޫނާއި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ގާނޫނު އިސްލާހުކުރުމަށް ހުށަހަޅާފައިވާ އިސްލާހުތަކެކެވެ.
މިއަދު ބޭއްވުނު މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ އޮޑިޓަރ ޖެނެރަލް ސިޔާސީ ކަންތައްތަކެއްގެ ތެރެއަށް ހުށަހެޅޭކަށް އެއްވެސް ގޮތަކަށް ބޭނުން ނުވާ ކަމަށެވެ. އަދި މިފަދަ އިސްލާހެއްގެ ސަބަބުން އޮޑިޓަރ ޖެނެރަލްގެ މުސްތަގިއްލުކަމާމެދު ސުވާލު އުފެދިދާނެކަމުގެ ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.
ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް އަދި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ވެސް މި ކަންބޮޑުވުމަށް ތާއީދުކުރައްވައި، ސަރުކާރުން މިހާރު އެކުލަވާލަމުންދާ އެސެޓް ރިކަވަރީ ގާނޫނުގެ ތެރެއިން މި މައްސަލަ ހައްލުކުރެވިދާނެ ކަމަށް ފާހަގަކުރެއްވި އެވެ.
ކޮމިޓީން ނިންމާފައިވަނީ މި އިސްލާހުތަކާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލްގެ އިތުރުން އެޓަރނީ ޖެނެރަލްގެ ލަފާ ވެސް ހޯދުމަށެވެ.
ރައްޔިތުންގެ މަޖިލިސް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް އޮޑިޓާ ޖެނެރަލް މާލިއްޔަތު ކޮމެޓީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް


