އޮޑިޓަރ ޖެނެރަލްގެ އޮފީހުން އަންނަ އަހަރަށް 134 މިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ އަންނަ އަހަރަށް ލަފާކުރާ އެ އޮފީހުގެ ބަޖެޓް ހުށަހަޅާފަ އެވެ.
އަންނަ އަހަރަށް ލަފާކޮށް އޮޑިޓް އޮފީހުން ހުށަހަޅާފައިވަނީ 134.5 މިލިއަން ރުފިޔާއެވެ. އޭގެތެރޭގައި ރިކަރަންޓް ޚަރަދުގެ ގޮތުގައި 89 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވެ އެވެ. އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި ތިން މިލިއަން ރުފިޔާ ލަފާކޮށްފައިވާއިރު، ޕީއެސްއައިޕީ މަޝްރޫއުތަކަށް 41.5 މިލިއަން ރުފިޔާ ލަފާކޮށްފައިވެ އެވެ.
މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ، އަންނަ އަހަރު ޚާއްސަ 9 އޮޑިޓަކާއި މިނިސްޓްރީތަކުގެ 61 އޮޑިޓެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި ކައުންސިލްތަކުގެ 94 އޮޑިޓެއް ކުރެވޭނެ ކަމަށް ލަފާކުރެވޭނެ ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވީ، އެ އޮފީހުން ކުރާ މަސައްކަތަށްބަލާއިރު މިވަގުތު އެ އޮފީހުގެ އޮޑިޓަރުންގެ އަދަދު މަދުކަމަށެވެ. އެގޮތުން އޮޑިޓަރުންގެ ގޮތުގައި އެ އޮފީހުގައި މަސައްކަތް ކުރައްވަނީ 150 އޮޑިޓަރުންކަން ފާހަގަކުރެއްވި އެވެ. ނަމަވެސް މަސައްކަތް ކުރުމުގައި ބަލަނީ އެފިޝެންސީ އިތުރުކޮށްގެން މަސައްކަތް ކުރުންކަން ނިޔާޒީ ފާހަގަކުރެއްވި އެވެ.



