ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ނުވަތަ އާރްއެސްޑަބްލިއު ސިސްޓަމް ގާއިމުކުރުމަށް ދޫކުރަން ނިންމާފައިވާ ލޯނު ސްކީމުގެ އިތުރު ފޭސް އެއް ފެށުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ހަތަރު އަތޮޅެއްގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް މިހާރު އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތ. ހިރިލަންދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
މި ބައްދަލު ކުރެއްވުމުގައި ރައީސް މުއިއްޒު ވިދާޅުވީ މި ސިސްޓަމަކީ ވަރަށް ޒަމާނީ ސިސްޓަމެއް ކަމަށާއި މި ސިސްޓަމް ދޯނީގައި ގާއިމް ކުރުމުން އައިސް ހޯދުމަށް ހުރި ދަތިތައް ހައްލުވެގެންދާ ކަމަށެވެ.
ރައީސް ވިދާޅުވީ އެ ލޯނު ސްކީމުގެ ފޭސްއެއް ފަށާ އިތުރު ލޯނުތައް ދޫ ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
”އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ ހަމަ މި އަހަރުތެރޭގަ ކުރިއަށް އޮތް މަސްވެރިންގެ ދުވަހުގެ ކުރިއަށް އަޅުގަނޑުމެންގެ އިތުރު 200 ފަރާތަކަށް އާރުއެސްޑަބްލިއު ލޯނު ދޫކުރުމުގެ މަސައްކަތް ފަށާނަން. އިރާދަކުރެއްވިއްޔާ އޭގެ ސަބަބުން ވެސް ޖުމްލަ ގާތްގަނޑަކަށް 300 އެއްހާ ފަރާތަކަށް އާރުއެސްޑަބްލިއު ލޯނު ދޫކުރެވިގެންދާނެ“ ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ހިރިލަންދޫގައި ފެށުނު މަޝްރޫއުތަކާއި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫއުތަކަށް އަލި އަޅުއްވާލެއްވި އެވެ. އެގޮތުން މިއަދު ފެށުނު މަލްޓިޕާޕަސް ހޯލާއި ކުލާސް ރޫމުތަކުގެ މަސައްކަތަށް ވަރަށް އިސްކަމެއް ދެއްވައިގެން ވީހައިވެސް އަވަހަށް ނިންމަދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
”އާ ދިރާސީ އަހަރު ފެށެންވާއިރަށް މި އިމާރާތް ނިންމައި ވަސީލަތްތައް ހަމަކޮށްދީ، ސްކޫލުގެ ބޭނުން ކުރުމަށް ދޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން.“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކުޅިވަރުގެ ދާއިރާއިން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެ ރަށުގައި ފުޓުބޯޅަ ދަނޑެއް ގާއިމް ކުރުމުގެ މަޝްރޫއުއެއް ކުރިއަށް ގެންދާނެ ކަމަށެވެ. މީގެ އިތުރުން ކުޅިވަރުގެ އެހެން މަޝްރޫއުތައްވެސް ހިންގާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަސްވެރިކަން ތ. ހިރިލަންދޫ



