ސްރީލަންކާގެ އޮތޮރިޓީތަކުން ހުއްދަ ދީފައިވާ މިންގަޑުތަކާއި ހިލާފަށް މަތީ ތައުލީމުދޭ ޕްރޮގްރާމްތަކެއް ހިންގާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ބުނެފި އެވެ.
އެމްކިޔުއޭއިން ގެޒެޓުކުރި ބަޔާނުގައި ބުނެފައިވަނީ ސްރީލަންކާގެ ޓާޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަނުން ހުއްދަ ދޭ މިންގަނޑާއި ޚިލާފަށް އެ މިންގަނޑުން ބޭރުން ބައެއް މަރުކަޒުތަކުން ޕްރޮގްރާމް ހިންގަމުން އަންނަ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ހުއްދަ ދީފައިވާ މިންގަނޑާއި ޚިލާފަށް އެތަންތަނުން ހިންގާ ހަޔާ ޑިޕްލޮމާއިން މަތީގެ ޓަރޝަރީ ޕްރޮގްރާމްތައް އެހެން ގައުމުތަކާ ގުޅިގެން ހިންގަމުން އަންނަ ކަމަށެވެ.
އެހެން ގައުމުތަކާ ގުޅިގެން އެ ޕްރޮގްރާމްތައް ހިންގުމަށް ހުއްދަދީފައި ނުވާކަން އެ އޮތޯރިޓީއަށް ފާހަގަކުރެވިފައިވާ ކަމަށާއި ހުއްދަ ދީފައިވާ މިންގަނޑާއި ޚިލާފަށް އެތަންތަނުން ހިންގާ ޕްރޮގްރާމްތަކުގެ ސެޓިފިކެޓް އެ އޮތޯރިޓީއިން މީގެފަހުން ޤަބޫލުނުކުރާނެ ކަމަށް ވެސް އެމްކިޔުއޭއިން ބުނެފައިވެ އެވެ.
ދަރިވަރުން ކިޔަވަން ދިއުމުގެ ކުރިން އެމްކިއުއޭ އިން ދޫކުރަމުން އަންނަ ”އިންޓެންޑެޑް“ ލިޔުން ހޯދުމަކީ މުހިންމުކަމެއް ކަން ފާހަގަކޮށް އެމްކިޔުއޭއިން ވަނީ ދިވެހި ދަރިވަރުން ސްރީލަންކާގައި ކިޔަވަން ފެށުމުގެ ކުރިން ކިޔަވަން ގަސްދުކުރާ މަރުކަޒަކީ އެ އޮތޯރިޓީގެ ސަނަދުތަކުގެ ފެންވަރު ބެލުމުގެ ގަވާއިދުގައި ބަޔާންކުރާ މިންގަނޑަށް ފެތޭ އެ އޮތޯރިޓީން ޤަބޫލުކުރާ މަރުކަޒެއްކަން ކަށަވަރުކޮށް ކިޔަވާ ޕްރޮގްރާމަކީ ވެސް އެ އޮތޯރިޓީން ޤަބޫލުކުރާ ޕްރޮގްރާމެއްކަން ކަށަވަރުކުރުމަށް އިލްތިމާސްކޮށްފަ އެވެ.
މީގެ އިތުރުން އެމްކިޔުއޭއިން ބުނީ އެ އޮތޯރިޓީން ޤަބޫލުކުރާނީ ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑަށް ފެތޭ އަދި އެ ފެންވަރުގެ ޕްރޮގްރާމަކަށް ވަނުމަށް ކަނޑައަޅާފައިވާ އެންޓްރީ ކްރައިޓީރިއާ ފުރިހަމަވާ ޕްރޮގްރާމްތައް ކަމަށެވެ. އަދި ލަންކާގެ ކަމާ ބެހޭ އިދާރާތަކުން ހުއްދަ ދީފައިވާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުންނާއި އެ މަރުކަޒުތަކުން ހިންގާ ޕްރޮގްރާމްތައް ކަމަށްވެސް ބުނެފައިވެ އެވެ.



