ދައުލަތަށް ނުލިބި ހުރި ފައިސާގެ ތެރެއިން 1.2 ބިލިއަން ރުފިޔާ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހޯދައިފިއެވެ.
މީރާގެ ދެވަނަ ކުއާޓަރގެ ރިޕޯޓުގައިވާ ގޮތުން، ފައިސާ ދައްކަންޖެހޭ ފަރާތްތަކާ ގުޅައިގެން 828 މިލިއަން ރުފިޔާ ހޯދާފައިވެއެވެ. މީގެ އިތުރުން، އެކައުންޓު ފްރީޒްކޮށްގެން 21 މިލިއަން ރުފިޔާ އަދި ރިމައިންޑަރ ދިނުމަށް ގުޅައި އަދި އީމެއިލް ކޮށްގެން 139 މިލިއަން ރުފިޔާ ހޯދާފައިވާކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިވަގުތު ވެސް މީރާ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހި ނުލިބި 14.2 ބިލިއަން ރުފިޔާ އެބަހުއްޓެވެ. މީގެ ތެރޭގައި ރިސޯޓު ކުލީގެ ގޮތުގައި 4.8 ބިލިއަން ރުފިޔާ، ޖެނެރަލް ޖީއެސްޓީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ އަދި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ހިމެނެއެވެ.
ފާއިތުވި އަހަރު މީރާއިން ދައުލަތަށް ނުލިބި ހުރި ފައިސާގެ ތެރެއިން 3.8 ބިލިއަން ރުފިޔާ ހޯދާފައިވާއިރު، އޭގެ ތެރެއިން 2.74 ބިލިއަން ރުފިޔާ ހޯދާފައިވަނީ ނޯޓިސް ފޮނުވައިގެންނެވެ.
މިއަހަރުގެ މިހާތަނަށް ޓެކްސްގެ ގޮތުގައި މީރާއިން ޖުމުލަ 21 ބިލިއަން ރުފިޔާ ބަލައިގަނެފައިވާއިރު، މީގެ ތެރެއިން 35 ޕަސެންޓަކީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ (ޓީޖީއެސްޓީ) ގެ ގޮތުގައި ލިބިފައިވާ ފައިސާއެވެ.


