އަލްބޭނިއާގެ ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގެ ގޮތުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޮޓެއް ޕްރޮކިއުމަންޓް މިނިސްޓަރެއްގެ ގޮތުގައި އައްޔަނުކޮށްފިއެވެ.
”ޑިއެލާ“ ގެ ނަމުގައި މި އޭއައި ބޮޓް ތަޢާރަފުކޮށްފައިވަނީ ބުރާސްފަތި ދުވަހު ޓިރާނާގައި ބޭއްވި ސޯޝަލިސްޓް ޕާޓީގެ އެސެމްބްލީގައެވެ.
އަލްބޭނިއާގެ ބޮޑުވަޒީރު އެޑީ ރާމާ ވިދާޅުވި ގޮތުގައި ޑިއެލާއަކީ އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި އުފައްދާފައިވާ ފުރަތަމަ މިނިސްޓަރެވެ. އަދި ”ޑިއެލާއާއެކު އަލްބޭނިއާ ވެގެންދާނީ ޕަބްލިކް ޓެންޑަރުތައް ކޮރަޕްޝަނުން މުޅިން އެއްކިބާވެފައިވާ ގައުމަކަށް“ ކަމަށް ރާމާ ވިދާޅުވިއެވެ.
ޑިއެލާގެ މައިގަނޑު މަސްއޫލިއްޔަތުގެ ތެރޭގައި ޕަބްލިކް ޕްރޮކިއުމަންޓާ ގުޅޭ އެންމެހައި ކަންކަން ބެލެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން، ޓެންޑަރުތަކާ ގުޅޭ ނިންމުންތައް ނިންމުމުގެ ބާރު މިނިސްޓަރުންގެ އަތުން ނަގައި، މަޑުމަޑުން ޑިއެލާއާ ހަވާލުކުރެވިގެންދާނެ ކަމަށް ބޮޑުވަޒީރު ހާމަކުރެއްވިއެވެ.
މި އޭއައި ބޮޓަށް ޓެންޑަރުތައް އެސެސްކުރުމުގެ އިތުރުން، ދުނިޔޭގެ ފެންވަރުގައި ހުނަރުވެރިން ރެކްރޫޓްކުރުމުގެ ބާރު ލިބިގެންވެއެވެ. އަދި އެ ގައުމުގެ އީ-އަލްބޭނިއާ ޕްލެޓްފޯމްގެ ހިންގުންވެސް ޑިއެލާއާ ހަވާލުކޮށްފައިވެއެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް ސަރުކާރުގެ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވޭނެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ކޮންމެ އަހަރަކު ނެރޭ ރޫލް އޮފް ލޯ ރިޕޯޓުގައި އަލްބޭނިއާއަކީ ޕަބްލިކް އެޑްމިނިސްޓްރޭޝަނާއި ޕަބްލިކް ޕްރޮކިއުމަންޓްގައި ކޮރަޕްޝަނާ ކުރިމަތިލާން ޖެހިފައިވާ ގައުމެއްގެ ގޮތުގައި ފާހަގަކޮށްފައިވުމެވެ. މި އައު އިސްނެގުމާއެކު، ސަރުކާރުން އުންމީދުކުރަނީ ޕަބްލިކް ފަންޑްތަކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ދެފުށް ފެންނަ ގޮތަށް ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށެވެ.


