ޖުޑިޝަރީ ދާއިރާގެ މާލީ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި، ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ބްލޮކް ގްރާންޓެއްގެ ގޮތުގައި ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
މިކަން ހާމަކުރައްވަމުން ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ”ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ކަނޑައަޅާ، އެ ފައިސާ ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ބްލޮކް ގަރާންޓުގެ ގޮތުގައި ދޫކޮށް، ޖުޑިޝަރީގެ ފުރިހަމަ މާލީ ބާރު ހިނގާނެ ނިޒާމެއްގެ ތެރެއިން ޚަރަދު ކުރުމުގެ ފުރިހަމަ މިނިވަންކަން ދިނުމަށްވަނީ ނިންމާފައި“ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ޖުޑިޝަރީގެ މިނިވަންކަމަށް އެންމެ މުހިންމު އެއް ކަމަކީ މާލީ މިނިވަންކަން ކަމަށެވެ. އަދިި މި ބްލޮކް ގްރާންޓްގެ ގޮތުގައި ދެއްވުމަށް ނިންމަވާފައިވާ އިންސައްތައަކީ މިހާތަނަށް ޖުޑިޝަރީއަށް ކަނޑައެޅިފައިވާ ބަޖެޓު ސީލިންތަކަށްވުރެ ބޮޑު އިންސައްތައެއް ކަމުގައި ރައީސް ވިދާޅުވި އެވެ.
މި ނިޒާމު ތަންފީޒުކުރުމަށްޓަކައި ގާނޫނީ، ފަންނީ އަދި ނިޒާމީ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މީގެ ކުރިންވެސް ރައީސް ވަނީ ޝަރުއީ ދާއިރާއަކީ ފުރިހަމަ ގޮތުގައި މިނިވަން ދާއިރާއެއްގެ ގޮތުގައި އޮތުމަކީ އެމަނިކުފާނުގެ އަމާޒެއްކަން ހާމަކުރައްވާފައެވެ. އެގޮތުން ވެރިކަމުގެ ހުވާކުރައްވާ އެންމެ ފުރަތަމަވެސް ރައީސސް ވިދާޅުވެފައިވަނީ ’މިވަގުތުން ފެށިގެން‘ ޝަރުއީ ދާއިރާއަށް އޮތް ނުފޫޒު ’ނިމުނީ‘ ކަމަށެވެ.
މި ނިންމެވުމާއެކު، މިއަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ފެށިގެން ޖުޑިޝަރީއަށް މާލީ އަދި އިދާރީ މިނިވަންކަން ލިބިގެންދާނެއެވެ.



