ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއޭއެމް) އިން އިސްނަގައިގެން ރާއްޖޭގައި ބާއްވާ ކެރަމް ވޯލްޑް ކަޕްގެ ހޯސްޓިންގ ޕާޓްނަރުގެ ގޮތުގައި ”ބާސެލޯ ނަސަންދުރަ“ ހަމަޖައްސައިފިއެވެ.
”ބާސެލޯ ނަސަންދުރަ“ އާއި ކެރަމް އެސޯސިއޭޝަންގެ ދެމެދުގައި ވެވުނު އެއްބަސްވުމުގައި ސޮއިކުރުން އޮތީ އިއްޔެ ހެނދުނު ބާސެލޯ ނަސަންދުރައިގައެވެ. މި އެއްބަސްވުމުގައި ސީއޭއެމްގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ރައުޝާން އެވެ. އަދި ބާސެލޯ ނަސަންދުރައިގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ ޖެނެރަލް މެނޭޖަރ އެންރިކް ރެއިނާ އެވެ.
އަންނަ ޑިސެންބަރު މަހުގެ ކުރީކޮޅު މާލޭގައި ބާއްވާ މި ފަހަރުގެ ކެރަމް ވޯލްޑް ކަޕްގައި މުޅި ދުނިޔޭގެ އެކި ބައްރުތަކުން 20 އަށްވުރެ ގިނަ ގައުމުން 200 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރާނެ އެވެ. މިއީ ކެރަމްގެ ތާރީހުގައިވެސް އެންމެ ގިނަ އެތުލީޓުން ވާދަކުރާނެ ވޯލްޑް ކަޕެވެ.
ކެރަމް ވޯލްޑް ކަޕަކީ އައީސީއެފް އިން ބާއްވާ އެންމެ ޝަރަފުވެރި މުބާރާތެވެ. މިއީ ކެރަމް ވޯލްޑް ކަޕްގެ ހަތްވަނަ މުބާރާތެވެ. މިދިޔަ އަހަރު އެމެރިކާގައި ކުރިއަށްދިޔަ ހަވަނަ ވޯލްޑް ކަޕްގައި ރާއްޖޭން ވަނީ އަންހެން އަދި ފިރިހެން ޓީމް އިވެންޓުން ބްރޯންޒް މެޑަލް ހޯދާފައެވެ.


