ބޮޑުތަކުރުފާނު މަގު ފުޅާ ކުރުމުގެ މަޝްރޫއުގެ ދަށުން ސެގްމެންޓު 1 ގައި ހިމެނޭ ސަރަހައްދުގެ 132 މީޓަރުގެ ޝީޓްޕައިލް ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
އެމްޓީސީސީން ބުނި ގޮތުގައި މިހާރު ކުރިއަށްދަނީ މަގަށް ފަޅުން އިތުރު ކުރި ބަޔާއި އައު އެއްގަމު ތޮއްޓަށް ބޭނުންވާ ބަޔަށް ވެލި އެޅުމުގެ މަސައްކަތްތަކެވެ.
144.5 މިލިއަން ރުފިޔާގެ މި މަޝްރޫއަކީ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 22 ވަނަ ދުވަހުއެވެ.
އެމްޓީސީސީން ދީފައިވާ މައުލޫމާތުގައިވާ ގޮތުން، މި މަޝްރޫއު ކުރިއަށްގެންދަނީ ތިން ސެގްމަންޓަކަށް ބަހާލައިގެންނެވެ. މުޅި މަޝްރޫއުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު، 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރެވޭނެއެވެ.
މި މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނު މަގު އުތުރު ފަރާތުން ފުޅާކޮށް، ހަތަރު ލޭނަށް މަގު ހެދުމުގެ މަސައްކަތް ކުރެވޭނެއެވެ. މީގެ އިތުރުން ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް 830 މީޓަރުގެ މަގުގައި ތާރު އެޅުމާއި، ދުވާރުތައް ހެދުމުގެ އިތުރުން ފެން ހިންދާ ނިޒާމްވެސް ގާއިމުކުރެވޭނެއެވެ.
މި މަޝްރޫއުގެ ދަށުން ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއި، ތާރު އަޅައި ސަބްބޭސް ތައްޔާރު ކުރުމުގެ މަސައްކަތްތައްވެސް ހިމެނެއެވެ. މި މަސައްކަތްތަކަކީ މާލޭގެ މައި މަގުތަކުގެ ތެރެއިން އެއް މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެކެވެ.
މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)



