ރިހާކުރު އައިލެންޑް ސްޕޯޓްސް ފެސްޓިވަލްގެ ފުޓްސަލް މުބާރާތުގައި ޑީސީޖޭ ސްޕޯޓްސް ކްލަބް ބަލިކޮށް، ފެނަކަ ދިއްގަރު ރެކްރިއޭޝަން ކްލަބް ފައިނަލާ ގާތަށް ޖެހިލައިފި އެވެ.
ޑީސީޖޭ އާއި ފެނަކަ އިން ވަނީ މުބާރާތުގައި ފުރަތަމަ ކުޅުނު މެޗުން މޮޅުވެ، މުބާރާތުގެ ފެށުން ރަނގަޅުކޮށްފަ އެވެ. ފެނަކައިން ވަނީ އާދީއްތަ ދުވަހު 3-0 ގެ ނަތީޖާއަކުން ޑީސީޖޭ ބަލިކޮށް، ހަ ޕޮއިންޓު ހޯދާފަ އެވެ. ފައިނަލުގެ ޖާގަ ކަށަވަރުކުރުމަށް އެ ޓީމަށް ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.
ފެނަކަ އާއި ޑީސީޖޭ ބައްދަލުކުރި މެޗުގެ 12 ވަނަ މިނެޓުގައި އިކްރާމް ހުސައިން ވަނީ ލަނޑެއް ޖަހައި ފެނަކައަށް ކުރިހޯދަދީފަ އެވެ. އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ލީޑަކާއެކު އެވެ.
ދެވަނަ ހާފު ފެށިގެން ޑީސީޖޭ އިން ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ނަމަވެސް، އިސްމާއިލް ޒަޔާން ސުލައިމާން ގާތްގާތުގައި ޖެހި ދެ ލަނޑާއެކު ފެނަކަ އިން ވަނީ ތިން ލަނޑުގެ ލީޑެއް ނަގާފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފެނަކައިގެ އިކްރާމް އެވެ.
އާދީއްތަ ދުވަހު ހަވީރު ރާގޮނޑި ރައިޑާސް އިން ވަނީ 6-2 ގެ ނަތީޖާއަކުން ކްލަބް އެލިއެންޒާ ބަލިކޮށް، ސެމީއަށް ދިއުމުގެ އުއްމީދު އައުކޮށްފަ އެވެ. އަދި މި ނަތީޖާއާއެކު، އަލިއެންޒާއަށް ވަނީ ސެމީއަށް ދިއުމުގެ ފުރުސަތު ހަނިވެފަ އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ރާގޮނޑި ރައިޑާސްގެ އާދަމް ސަމީރު ހެޓްރިކް ހެދިއިރު، މުއާޒް އަލީ އާއި އަބްދުﷲ ޒަނީމް ވަނީ ލަނޑު ޖަހާފަ އެވެ. މި މެޗުގައި އަލިއެންޒާގެ އަރުމް ބިން އާމިރު އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފަ އެވެ. އެ ޓީމުގެ ދެ ލަނޑުވެސް ކާމިޔާބުކުރީ އަދްޔާން ބިން މުހައްމަދެވެ.
ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުގައި މިރޭ އަލިއެންޒާ ނިކުންނާނީ ޑީސީޖޭ އާ ދެކޮޅަށެވެ. އަދި ރާގޮނޑި ރައިޑާސް ބައްދަލުކުރާނީ ފެނަކަ އާއެވެ.


