ފުލުހުން ރެހެންދި ސުކޫލުގައި ހަރަކާތްތެރިވާން ފަށައިފި އެވެ.
ފުލުހުން މީޑިޔާތަކަށް މައުލޫމާތު ދިން ގޮތުގައި އެ ސުކޫލުގައި ފުލުހުން ހަރަކާތްތެރިވެފައިވަނީ ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ. އަދި ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
މި ކަމާ ގުޅިގެން އިތުރު މައުލޫމާތެއް ފުލުހުން ދީފައެއް ނުވެ އެވެ. ފުލުހުން ބުނީ މިއީ މިވަގުތަށް ދެވެން ހުރި މައުލޫމާތު ކަމަށާއި އިތުރު މައުލޫމާތު ލިބުމުން ހާމަ ކުރާނެ ކަމަށެވެ.
ޖަވިޔަނި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ސްކޫލަށް ފުލުހުން ގޮސްފައިވަނީ އިންޒާރަކާ ގުޅިގެންނެވެ. ނަމަވެސް މިހާތަނަށް ބެލި ބެލުމުން އެއްވެސް ނުރައްކަލެއް ނެތްކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ހުޅުމާލޭގައި ހުންނަ ރެހެންދި ސުކޫލަކީ ގިނަ އަދަދެއްގެ ދަރިވަރުން ތައުލީމު ހާސިލް ކުރަމުން އަންނަ ސުކޫލެކެވެ.



