މ.ދިއްގަރުގައި މިހާރު ކުރިޔަށްދާ ރިހާކުރު އައިލެންޑް ސްޕޯޓްސް ފެސްޓިވަލްގެ ހޭންޑްބޯޅަ މުބާރާތުގައި ޓީއޯއެފް އާއި ބެންކޮކް ރަނިންނުން ދެވަނަ މޮޅު ހޯދައިފިއެވެ.
ޓީއޯއެފް އިން ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުންވެސް މޮޅުވެފައެވެ. އަދި ބެންކޮކް ރަނިން ވަނީ އެއް މެޗުން މޮޅުވެ، އެއް މެޗުން ބަލިވެފައެވެ. އިއްޔެގެ މެޗުތައް ކާމިޔާބުކޮށް، ދެ ޓީމަށްވެސް ވަނީ ހަ ޕޮއިންޓު ލިބިފައެވެ.
ޓީއޯއެފް އާއި ނޯ ޗޮއިސް ބައްދަލުކުރި މެޗުގައި ޓީއޯއެފް އިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެ ޓީމުން މި މެޗު ކާމިޔާބުކުރީ 8-4 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓީއޯއެފްގެ ހަދީޖާ ރީމާ އަލީ އެވެ.
ބެންކޮކް ރަނިން އާއި ވަން ޓަޗް ބައްދަލުކުރި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނުނުއިރު، ބެންކޮކް ރަނިންނުން މި މެޗު ކާމިޔާބުކުރީ 9-8 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބެންކޮކް ރަނިންގެ ލީޒާ އަބްދުލް އަޒީޒެވެ.
މިރޭގެ ފުރަތަމަ މެޗުގައި އެޗްއެޗްބީ ނިކުންނާނީ ނޯ ޗޮއިސް އާ ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ ވަން ޓަޗް އާއި ޓީއޯއެފް އެވެ.



