ދިވެހިރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަށް ބަދަލެއް ގެނެސްފިއެވެ.
މޯލްޑިވްސް ޒަކާތް ހައުސްއިން އިއްޔެ އިޢުލާން ކުރި ގޮތުގައި،މި ބަދަލާ ގުޅިގެން މިހާރު މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ވަނީ 11,191.95 (އެގާރަހާސް އެއްސަތޭކަ ނުވަދިހަ އެއް ރުފިޔާ ނުވަދިހަ ފަސް ލާރި) އަށް އިތުރުވެފައެވެ.
ޒަކާތް ހައުސްގެ އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުން، މި އަދަދު ވަނީ ރިހީގެ ގްރާމަކަށް 18.81 ރުފިޔާގެ ރޭޓުން 595 ގްރާމަށް ބަލައިގެން ހިސާބު ކުރެވިފައެވެ. ރާއްޖޭގައި ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަމުން އަންނަނީ ރިހީގެ އަގަށް ބިނާކޮށެވެ.
މީގެ ކުރިން، އެޕްރީލް މަހު ކަނޑައަޅާފައިވާ މުދަލު ޒަކާތުގެ ނިޞާބަކީ 9,264.15 ރުފިޔާއެވެ. މި ބަދަލު ގެނެވިފައިވަނީ ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެންނެވެ.
މުދަލު ޒަކާތުގެ ނިޞާބަކީ މީހެއްގެ މުދަލުގައި އެ މިންވަރު ހަމަވުމުން، އެ މުދަލުން ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. ދިވެހިރާއްޖޭގައި ޒަކާތް ބަލައިގަތުމުގެ މަސައްކަތް ކުރަމުން އަންނަނީ ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިންނެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް މޯލްޑިވްސް ޒަކާތު ހައުސް



