ނ. ފޮއްދޫގައި ގާއިމުކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.
މި މަސައްކަތް ރަސްމީކޮށް ފެއްޓެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުން އަދި މަސައްކަތް ރަސްމީކޮށް ފެއްޓެވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން އަދި އެރަށު ކައުންސިލްގެ ރައީސް މުހައްމަދު މޫސާ އެވެ.
ފޮއްދޫ ފުލުހުންގެ އައު މަރުކަޒު އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ތެރޭގައި 57 ރަށެއްގައި ޕޮލިސް ސްޓޭޝަންތަކުގެ މަސައްކަތް އެއްކޮށް ނިންމާލުމެވެ. މުޅި ރާއްޖޭގެ އެކި ހިސާބުތަކުގައި އަޅަމުންދާ ޕޮލިސް ސްޓޭޝަންތަކުގެ ތެރެއިން މިވަގުތު ޖުމްލަ 85 ރަށެއްގެ ޕޮލިސް ސްޓޭޝަންތަކުގެ މަސައްކަތް އެކި މަރުހަލާތަކުގައި ދަނީ ކުރަމުންނެވެ.


