ނ. މާފަރުގައި އިމާރާތްކުރަން ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅާ، އަމަލީ މަސައްކަތް ފަށައިފި އެވެ.
މި މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބޭއްވުނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ނ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މާފަރު ފުލުހުންގެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހޯމް މިނިސްޓަރ އަލީ އިހުސާން އެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީންގެ އިތުރުން، މާފަރު ކައުންސިލްގެ ރައީސް މުހައްމަދު އަދުނާން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލުކުރެވިފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ އެވެ.
މި މަޝްރޫއުއަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިގެން ކުރިއަށް ގެންދަވާ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫޢެކެވެ. 2026 ވަނަ އަހަރު ނިމުމުގެ ކުރިން ދިވެހިރާއްޖޭގެ އެންމެހައި ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމަކީ މި ސަރުކަރުގެ ވައުދުފުޅެކެވެ.
ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވި، 23 ރަށެއްގައި ފުލުހުންގެ ޕޯސްޓުތައް ހުޅުވައި، އެ ރަށްރަށުގެ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދޭން ވަނީފަށާފަ އެވެ.



