މާލެ ސިޓީ، ސާފު ތާހިރު ސިޓީއެއްގެ ގޮތުގައި ދެމެހެއްޓުމަށް މާލޭ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފަށާފައިވާ ”ސާފު ނަލަ މާލެ“ ކެމްޕެއިންގެ އެމްބެސެޑަރަކަށް، ރާއްޖޭގެ މަޝްހޫރު މިއުޒިކް ބޭންޑް ”ޓޫ އޮފް އަސް“ ހަމަޖައްސައިފިއެވެ.
މި ކެމްޕެއިންގެ އެމްބެސެޑަރަކަށް ”ޓޫ އޮފް އަސް“ ބޭންޑް ހަމަޖެއްސުމާ ގުޅިގެން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެފައިވަނީ، ”ޓޫ އޮފް އަސް ބޭންޑުގެ ޖޯޝާއި، ފޯރިއާއި އުފެއްދުންތެރިކަމާއި، އަދި އެ ބޭންޑުގެ ނުފޫޒުން، މާލެ ސިޓީއަކީ ސާފުތާހިރު ނަލަ ސިޓީއަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގައި، ޒިއްމާދާރުކަމާއެކު، ރައްޔިތުން ބައިވެރިވެ، މާލެ ސިޓީ އަކީ، ސާފު، ނަލަ މާލެއަކަށް ހެދުމަށް ކުރަމުންދާ ތައްޞައްވުރު ޙަޤީޤަތަކަށް ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ“ ކަމަށެވެ.
”ސާފު ނަލަ މާލެ“ ކެމްޕެއިންގެ ދަށުން މާލޭ ސިޓީ ކައުންސިލުން ދަނީ، މާލެ ސިޓީގެ ސާފުތާހިރުކަމާއި މާހައުލުގެ ރައްކާތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތުގައި އެންމެ މުހިންމު އެއް ކަމަކީ ރައްޔިތުންގެ ބައިވެރިވުން ހޯދުން ކަމަށް މޭޔަރު ފާހަގަކުރައްވައެވެ.
މޭޔަރު އިތުރަށް ވިދާޅުވެފައިވަނީ، މާލެ ރީތިކޮށް ސާފުކޮށް ބޭއްވުމަކީ، ހަމައެކަނި ކައުންސިލަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި، މި މަސައްކަތުގައި ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އަދި ”ސާފު ނަލަ މާލެ“ ކެމްޕެއިންގެ އެމްބެސެޑަރަކަށް ވުމަށް މާލެ ސިޓީ ކައުންސިލުން ދިން ދަޢުވަތު ގަބޫލް ކުރެއްވި ކަމަށް ޓަކައި ”ޓޫ އޮފް އަސް“ ބޭންޑަށް ޝުކުރު ދަންނަވާ ކަމަށާއި، މި ބޭންޑާއެކު މި ޕްރޮގްރާމް އިތުރަށް ކުރިއަރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ޓޫ އޮފް އަސްއަކީ ރާއްޖެއާއި ބޭރުގެ މިއުޒިކާއެކު ލަވަތައް ހުށަހަޅައިދޭ ފިއުޝަން ބޭންޑެކެވެ. މި ބޭންޑުން ވަނީ، މި ސަރަހައްދުގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި އެއް މިއުޒިކް މުބާރާތް ކަމަށްވާ އިންޑިއާގެ ”ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް“ގެ ދެވަނަ ރަނަރަޕްކަން ކާމިޔާބުކޮށްފައެވެ.
އާދަމް އާޒިމް، މާލެ ސިޓީ ކައުންސިލްގެ މޭޔަރ މާލެ ސިޓީ ކައުންސިލް



