ނ. ފޮއްދޫ ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.
504 މީހުންގެ އާބާދީއެއް ދިރިއުޅޭ ފޮއްދޫ ރައްޔިތުން އާއްމުކޮށް މަސައްކަތް ކުރަނީ ފަތުރުވެރިކަމުގެ ދާއިރާގަ އެވެ. އެގޮތުން، އެ ރަށުގައި 5 ގެސްޓްހައުސް މިވަގުތު ހިންގަ އެވެ.
ނަމަވެސް، ބަނދަރެއް ނެތުމުގެ ސަބަބުން، ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި އެ ނޫން މީހުން ލަފާފުރުމަށް ބޭނުންކުރަނީ ހަމައެކަނި ހުޅަނގު މޫސުމުގައި ބޭނުންކުރެވޭ ޖެޓީ ކަމަށްވެސް އެމްޓީސީސީން ބުނެފައިވެ އެވެ.
އެމްޓީސީސީއިން ބުނީ، މިއަދު އަމަލީ މަސައްކަތް ފެށުނު ބަނދަރުގެ މަސައްކަތް ނިމުމާ އެކު ތަނަވަސް ބަނދަރެއް ލިބި، ރަށަށް އަންނަ ފަތުރުވެރިންނާއި އެ ނޫން މީހުންނަށް އެކަމުގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 30,648 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަ ބޭސިން ފުންކުރުމާއި، 3,990 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 145 މީޓަރުގެ ބޭރުތޮށި ލުމާއި، 165 މީޓަރުގެ ރިވެޓްމަންޓް ޖަހުމާއި، 130 މީޓަރުގެ އެއްގަމުތޮށި ލުމާއި، 125 މީޓަރު ދިގު 6 މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، 600 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމުގެ އިތުރުން ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުން ހިމެނެ އެވެ.
މި މަޝްރޫއުއަކީ 49.77 މިލިޔަން ރުފިޔާގެ މަޝްރޫއުއެކެވެ.
ނ. ފޮއްދޫ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)



