ނ. މާފަރު ފަޅުގައި އޮންނަ ”ފަރުމުލި“ އަކީ އެ ރަށުގެ ބައެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ޤަރާރުގައިވާ ގޮތުން، މި ނިންމުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ. އަދި މި ނިންމުމާއެކު، ފަރުމުލި ވަނީ ޓޫރިޒަމްގެ ބޭނުމަށް ތަރައްޤީކުރެވޭ ރަށެއްގެ ގޮތުގައި ކަނޑައަޅާފައެވެ.
މީގެ ކުރިން، 15 އެޕްރީލް 2024 ގައި ނެރުނު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 7/2024 އިން، ”ފަރުމުލި“ އާއި ”ކަނޑިންމާހުރާ“ ވަނީ ނ. މާފަރުގެ ބައެއްގެ ގޮތުގައި ކަނޑައަޅާފައެވެ. ނަމަވެސް މިއަދުގެ ޤަރާރާއެކު، ފަރުމުލި ވަނީ މާފަރުގެ އިޚްތިޞާޞްއިން ވަކިކޮށްފައެވެ.

މި ބަދަލާ ގުޅިގެން، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް އެކަށައަޅާފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025 ގެ ޖަދުވަލުގައި ހިމެނޭ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓުވެސް ވަނީ އަދާހަމަކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.
މިގޮތަށް ނިންމި ނަމަވެސް ”ފަރުމުލި“ ގައި ކުރިއަށްގެންދާ ފަތުރުވެރިކަމުގެ ޕްރޮޖެކްޓްއަކީ ކޮބއިކަމެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.
ނ. މާފަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފަތުރުވެރިކަން


