މާލެ ސިޓީގެ މަގުތަކަށް އުކާފައި ހުންނަ ކުނި ނަގައި، އެ ކުނި އުކާލުމަށް އަހަރަކު 60 މިލިއަން ރުފިޔާ ހަރަދުވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ، މާލޭގެ މަގުތަކަށް ކުނި އެޅުން ހުއްޓާލައިފިނަމަ، ކުނި އުކާލުމަށް ހަރަދުވާ 60 މިލިއަން ރުފިޔާއިން ޕާކުތަކާއި މައިޒާންތަކާއި މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް މިހާރަށް ވުރެ ބޮޑަށް ކުރޭވެނެ ކަމަށެވެ.
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވަނީ، މާލެސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް، ރީތި، ސާފު މާލެއެއް ހޯދައި ދިނުމަށް، މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ކުރަމުންއަންނަ މަސައްކަތްތަކަށް އެއްބާރުލުންދީ، މާލެސިޓީގެ މަގުތަކަށް އެއްވެސް ފަރާތަކުން ކުނި ނޭޅުމަށް އިލްތިމާސް ކޮށްފަ އެވެ.
މިހާރު ވެސް މާލެ ސިޓީގެ މަގުތަކުން ދުވާލަކަށް، 30 ޓަނުގެ ކުނި ނަގަ އެވެ.
އާޒިމް ވިދާޅުވީ، މާލޭގެ މަގުތަކުގައި ހުންނަ ގަސްބުޑުތަކަށާއި އެކި ބޭނުންތަކުގައި މަގު ފާރުތަކުގައި ހަރުކޮށްފައި ހުންނަ، ފޮށިތަކުގެ މަތީގައި، ކުނި ބަހައްޓާފައި ހުންނަކަން ފާހަގަކުރެވޭ ކަމަށެވެ. އެ ކަންކަން އެ ގޮތަށް ނުކުރެއްވުމަށް، މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ ކިބައިން މޭޔަރު އެދިވަޑައިގެންފައިވެ އެވެ.
މީގެ އިތުރުން، އާޒިމް ވިދާޅުވީ، މަގުތަކަށް ކުނި އެޅުމުގެ ބަދަލުގައި، ކުނި އަޅަން ހުންނަ ޑަސްބިންތަކަށް ކުނިއެޅުމަށް، ހުރިހައި ރައްޔިތުން ވެސް އާދަކަކަށް ހެއްދެވުމަށް އެދޭ ކަމަށެވެ.
އާދަމް އާޒިމް، މާލެ ސިޓީ ކައުންސިލްގެ މޭޔަރ މާލެ ސިޓީ ކައުންސިލް



