ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދު ހަދާފައިވާ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ)އާ ގުޅޭ މައުލޫމާތު ސާފުކުރުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް ހާޒިރު ކުރުމަށް ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ބާއްވާފައިވާއިރު، މިއަދުގެ ބައްދަލުވުމަށްވަނީ ޗައިނާއާއެކު ހަދާފައިވާ އެފްޓީއޭއާ ގުޅޭ މައްސަލައިގައި މަޝްވަރާ ކޮށްފަ އެވެ.
އެގޮތުން ކޮމިޓީގެ މުގައްރިރު އަލީ ފަޒާދު ވިދާޅުވީ ޗައިނާ އެފްޓީއޭއާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީގެ ބޭފުޅުންނާ މަޝްވަރާކޮށް ވާހަކަދައްކާ، އެ އެގްރިމެންޓްގައި ހުރި މައުލޫމާތުތަކާ އަދި އެ އެގްރިމެންޓް ތަންފީޒު ކުރުމަށް މަޖިލީހުގެ ތެރިން ކުރަންޖެހޭ ކަންކަން ދެނެގަތުމުގެ މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
ކޮމިޓީގައި ވާހަކަ ދައްކަވަމުން މެންބަރު އިބްރާހިމް ނާޒިލް ވަނީ މިކަމުގައި މަޝްވަރާ ކުރުމަށް މިނިސްޓަރު މުހައްމަދު ސައީދު ހިމެނޭހެން އިކޮނޮމިކް މިނިސްޓްރީގެ ބޭފުޅުން މައުލޫމާތުދިނުމަށް ކޮމިޓީއަށް ހާޒިރުވުމަށް ހުށަހަަޅާފަ އެވެ. އެ ހުށަހެޅުން ފާސްކޮށްފައިވަނީ ކޮމިޓީގެ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
ޗައިނާއާއެކު ރާއްޖެއިން އެފްޓީއޭ އެއް އެކުލަވާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ނަމަވެސް މިދިޔަ ސަރުކާރުގައި އެ އެއްބަސްވުމަށް އަމަލުކޮށްފައެއް ނުވެ އެވެ. އަދި އަމަލުކުރުމުގެ މަސައްކަތްތައްވެސް އޮތީ މަޑުޖައްސާލައިފަ އެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ވަނީ، އެ އެއްބަސްވުމަށް އަމަލުކުރުމުގެ މަސައްކަތް ފައްޓަވާފަ އެވެ.
ރައްޔިތުންގެ މަޖިލިސް ރާއްޖޭގެ އިގްތިސާދީ ހާލަތު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް


