ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅި ބިލުގެ ސަބަބުން އެ ބިލު ހުށަހެޅުއްވި ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގަށް އިންޒާރު ދީފި އެވެ.
މެންބަރު އަޝްރަގު ވަނީ އިންޒާރު ދީފައިވާކަން ޖަވިޔަނި ނޫހަށް ކަށަވަރުކޮށްދެއްވާފަ އެވެ.
މިއަދު ކުރިއަށް ދިޔަ ޖަލްސާގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީވެސް ވަނީ މި ވާހަކަ ފާހަގަ ކުރައްވާފަ އެވެ. ސައުދުﷲ ވިދާޅުވީ މި ބިލާ ގުޅިގެން މެންބަރަށް އިންޒާރު އައިސްފައިވާ ކަމަށާއި ސަރުކާރުގެ ފަރާތުން ހުށަހަޅާ ބިލުތަކަކީ މެންބަރުން އަމިއްލައަށް ހުށަހަޅާ ބިލުތަކެއް ނޫން ކަމަށެވެ. އަދި އެއީ ސަރުކާރުގެ އެކި އިދާރާތަކާއެކު މަޝްވަރާ ކުރުމަށް ފަހު ބަންޑާރަ ނައިބުގެ އޮފީހުން އެކުލަވާލާ ބިލުތަކެއް ކަމަށާއި މިފަދަ ބިލުތައް މަޖިލީހަށް ހުށަހަޅާނީ ސަރުކާރަށް ނިސްބަތްވާ ކޮންމެވެސް މެންބަރެއް ކަމަށެވެ.
މެންބަރު އަޝްރަގަށް ދިން އިންޒާރުގެ ތެރޭގައި ރައްޔިތުން ނިކުމެ އަރައިގަންނަންވީ ކަމަށް ބުނެފައިވެ އެވެ. އަދި މަރުގެ އިންޒާރުވެސް ދީފައިވެ އެވެ. މީގެ އިތުރުން މެންބަރުގެ އާއިލާއަށްވެސް އިންޒާރު ދީފައިވެ އެވެ. އެގޮތުން މެންބަރު އަޝްރަގުގެ އާއިލާ މީހަކު ފެނުނަސް ހަވަރަށް ދޭންވީކަމަށް ބުނެފައިވެ އެވެ.
މި މައްސަލައާ ގުޅިގެން ޖަވިޔަނި ނޫހުން ސުވާލު ކުރުމުން މެންބަރު އަޝްރަގު ވަނީ މި މައްސަލަ އަދި ފުލުހަށް ހުށަހަޅާފައި ނުވާނެކަމަށާއި ނަމަވެސް ފުލުހުން ހާލަތު މޮނީޓާ ކުރަމުން ދާކަމަށް ވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލިސް ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގު ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ


