ގާޒާގެ އަލް-އަހްލީ ހޮސްޕިޓަލުގެ ހާލަތު ނުރައްކާތެރި ދަރަޖައަކަށް ދަށަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ގާޒާ ސިޓީގައި ހުންނަ އަލް-އަހްލީ ހޮސްޕިޓަލަށް އިސްރާއީލުގެ ވައިގެ ހަމަލާތަކުން ލިބުނު ގެއްލުމާ ގުޅިގެން ހޮސްޕިޓަލުގެ ހާލަތު ވަނީ ”ބަޔާންކުރަން ނޭނގޭވަރުގެ“ ދަށް ފެންވަރަކަށް ގޮސްފައިކަމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

އާދީއްތަ ދުވަހު އިސްރާއީލުން ދިން ހަމަލާގައި ހޮސްޕިޓަލުގެ ލެބޯޓްރީއާއި އިމަޖެންސީ ރޫމްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މި ހަމަލާގައި ސީދާ މަރުވި މީހުން ނެތްނަމަވެސް، ފަރުވާ މެދުކެނޑުމުގެ ސަބަބުން ކުއްޖަކު ވަނީ ނިޔާވެފަ އެވެ. އިސްރާއީލުން ބުނާ ގޮތުގައި އެމީހުންގެ ހަމަލާ އަމާޒުކުރީ ހަމާސްގެ ކޮމާންޑް ސެންޓަރަކަށެވެ. ނަމަވެސް ހޮސްޕިޓަލް ހިންގާ ޗަރޗް އޮފް އިންގްލެންޑުން ވަނީ މިކަމުގެ ހެކި ހޯދުމަށް އެދިފަ އެވެ.

ޑަބްލިއުއެޗްއޯގެ އޮފިޝަލުން ފާހަގަކުރާ ގޮތުގައި ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ތަކުރާރުކޮށް ހަމަލާދެމުންދާއިރު، ކްރިޓިކަލް ސަޕްލައިތައް މަދުވެ، އިސްރާއީލުގެ ބްލޮކޭޑްގެ ސަބަބުން އިންސާނީ އެހީ ލިބުން ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. އަދި އެ ހަމަލާއާ ގުޅިގެން 50 ބަލިމީހުން އެހެން ތަނަކަށް ބަދަލުކުރެވުނު ނަމަވެސް، ކްރިޓިކަލް ހާލަތުގައި ތިބި 40 މީހުން ބަދަލެއް ނުކުރެވި ވެއެވެ.

މި ހަމަލާގެ ސަބަބުން ގާޒާގެ އުތުރުގައި ސީޓީ ސްކޭނަރެއް ހުރި ހަމައެކަނި ޓްރޯމާ ހޮސްޕިޓަލް ކަމުގައިވާ އަލް-އަހްލީ ހޮސްޕިޓަލް މިހާރު ވަނީ ޚިދުމަތް ނުދެވޭ ހާލަތަކަށް ގޮސްފަ އެވެ. ޗަރޗް އޮފް އިންގްލެންޑުން މި ހަމަލާ ކުށްވެރިކޮށް، މިނިވަން ތަހުގީގެއް ހިންގުމަށް ގޮވާލާފައިވެ އެވެ.

މި ހަމަލާއާ ގުޅިގެން ހަނގުރާމަ ހުއްޓުމަކަށް ކުރެވެމުންދިޔަ މަޝްވަރާތައް ވަނީ ހުއްޓިފަ އެވެ. އަދި ހަމާސްއާއި އިސްރާއީލުން ދަނީ އެކަކު އަނެކަކަށް ތުހުމަތުގެ އިނގިލިތައް ދިއްކުރަމުންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ގައްޒާ ހަނގުރާމަ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ