ރާއްޖެއަށް 4 ފުރޮޅުލީ އުޅަނދު އެތެރެ ކުރުމުގެ ކުރިން ގަރާޖެއް ދައްކަން ޖެހޭގޮތަށް ގަވައިދު އިސްލާހުކޮށްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދަށް މިއަދު ގެނައި އިސްލާހުގައި ބުނެފައިވަނީ މި ގަވައިދުގެ ދަށުން ދެން ހަތަރު ފުރޮޅުލީ އުޅަނދު ރާއްޖެއަށް އެތެރެ ކުރެވޭނީ އުޅަނދު ބޭއްވުމަށް ހަމަޖެހިފައިވާ ގަރާޖު ނުވަތަ ޝޯރޫމް ނުވަތަ ގުދަނުގެ ހުއްދައިގެ ކޮޕީއެއް ހުށަހެޅުމުންނެވެ.
މީގެ އިތުރުން ގަރާޖެއްގައި އެ އުޅަނދު ބޭއްވުމާމެދު ގަރާޖުގެ ވެރިފަރާތުގެ އިއުތިރާސެއް ނެތްކަމުގެ ލިޔުމާއި، ގަރާޖުގެ ވެރިފަރާތުގެ އައިޑީކާޑުގެ ކޮޕީއެއްވެސް ހުށަހަޅަން ޖެހޭކަމަށް ގަވައިދުގައި ބުނެފައިވެ އެވެ.
މީގެ ކުރިން 4 ފުރޮޅުލީ އުޅަނދު ރާއްޖެއަށް ގެނައުމަކަށް އެއްވެސް ހުރަހެއް ނޯވެ އެވެ. ނަމަވެސް އުޅަނދު ގެނެސް ރާއްޖޭގައި ދުއްވޭނީ ގަރާޖެއްގައި ރަޖިސްޓާ ކުރުމުންނެވެ. މިހާރު ގެނެވުނު އިސްލާހުގެ ސަބަބުން ގަރާޖެއް ނެތި މަގުތަކުގައި ގިނަވާ އުޅަނދުތައް މަދު ކުރުމަށް އިތުރު ފަސޭހައެއް ލިބިގެން ދާނެ އެވެ.
މިއަދު ގެޒެޓް ކުރި މި އިސްލާހުގައި ގަރާޖެއް ދެއްކުމުގެ އިތުރުން ރާއްޖެއަށް އެތެރެ ކުރާ އުޅަނދުގެ އުމުރުގައިވެސް ވަކި ޝަރުތުތަކެއް ފުރިހަމަވުން ލާޒިމް ކޮށްފައިވެ އެވެ. މި އިސްލާހުގެ ދަށުން، ދެން ރާއްޖެއަށް އެތެރެކުރެވޭނީ އުފެއްދިތާ ތިން އަހަރަށްވުރެ ގިނަ ދުވަސްވެފައިނުވާ ސައިކަލާއި އުފެއްދިތާ ފަސް ފަސް އަހަރަށްވުރެ ގިނަ ދުވަސްވެފައިނުވާ ކާރެވެ.
މީގެ އިތުރުން، އެހެނިހެން އުޅަނދުތަކަށްވެސް އުމުރުގެ ލިމިޓްތަކެއް ކަނޑައަޅާފައިވެއެވެ. އެގޮތުން، އެއް ޓަނާއި ހަތަރު ޓަނާ ދެމެދުގެ ބަރު އުޅަނދުތައް އެތެރެކުރެވޭނީ އުފެއްދިތާ ހަތް އަހަރު ހަމަނުވާނަމައެވެ. ހަތަރު ޓަނާއި 10 ޓަނާ ދެމެދުގެ އުޅަނދުތަކަށް މި ލިމިޓަކީ 10 އަހަރެވެ. އަދި 10 ޓަނުން މަތީގެ އުޅަނދުތަކަށް 15 އަހަރެވެ.
ގަވާއިދުގެ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން، މި އުމުރުތަކަށް ނުފެތޭ އެއްވެސް އުޅަނދެއް ދިވެހިރާއްޖެއަށް އެތެރެކުރުމަކީ މަނާ ކަމެކެވެ.
މި އިސްލާހަށް އަމަލު ކުރަން ފަށާނީ މިއަދުން ފެށިގެން 90 ދުވަސް ފަހުންނެވެ.



