ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް 59 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފި އެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވަނީ ވީއައިއޭ އޮޕަރޭޓް ކުރާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ކުރީގެ އަދި މިހާރުގެ ހިދުމަތްތެރިންނަށް ޝުކުރު އަދާ ކުރައްވާފަ އެވެ. އަދި ވީއައިއޭގެ އަހަރީ ދުވަހަކީ އުފާވެރި ދުވަހަކަށް ވުމަށް އެދިވަޑައިގަންނަވާކަމަށް ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.
59 އަހަރުގެ ޤައުމީ ޚިދުމަތުގެ އަގު ވަޒަންކޮށް، އެމް.އޭ.ސީ.އެލްގެ އެހާރާއި މިހާރުގެ ހުރިހާ ޚިދުމަތްތެރީންނަށް ޝުކުރު ދަންނަވައި، އުފާވެރި އަހަރީ ދުވަހަކަށް އެދެން.
ހުޅުލޭގައި ވައިގެ ދަތުރުގެ ހިދުމަތް 1960 ގައި ފެށި ނަމަވެސް އޭރު އެތަން އޮތީ އިނގިރޭސިން ބޭނުން ކުރާ ތަނެއްގެ ގޮތުގަ އެވެ. ހުޅުލެ އެއާޕޯޓުގެ ނަމުގައި ހާއްސަ އޮފީހަކާއެކު ވައިގެ ހިދުމަތް ދޭން ފަށާފައިވަނީ 12 އޭޕްރިލް 1966 ގަ އެވެ. އެންމެ ފުރަތަމަ އެ އެއާޕޯޓަށް ޖައްސާފައިވަނީ އެއާ ސިލޯނުގެ ބޯޓެކެވެ.
”ހުޅުލޭ އެއާޕޯޓް“ގެ ނަމުގައި ހިންގި އެއާޕޯޓްގެ ނަން ”މާލޭ އިންޓަނޭޝަނަލް އެއާޕޯޓް“ގެ ނަމަށް ބަދަލުކުރެއްވީ 1980ގެ ކުރީކޮޅު ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ. އަދި އޭގެ ފަހުން ”އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް“ގެ ނަމަށް ބަދަލުކުރެއްވީ ޖުލައި 26، 2011 ގައި އޭރުގެ ރައީސް މުހައްމަދު ނަޝީދެވެ. އެއަށް ފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ”އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް“ގެ ނަން ”ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު“ އަށް ބަދަލު ކުރީ ޖެނުއަރީ 1، 2017 ގަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމްއޭސީއެލް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)


