ޣައްޒާގެ ސިއްޙީ ނިޒާމު މުޅިން ހަލާކުވެ، ފުނޑުފުނޑުވެފައިވާ ކަމަށް ޑޮކްޓަރސް ވިތައުޓް ބޯޑަރސް (އެމްއެސްއެފް) އިން ބުނެފި އެވެ.
މި ޖަމްޢިއްޔާގެ އިމަޖެންސީ ކޯޑިނޭޓަރު މައިރިއަމް ލާރޫސީ ވިދާޅުވި ގޮތުގައި އިސްރާއީލުގެ ހަމަލާތަކާއި ބްލޮކޭޑްގެ ސަބަބުން ޣައްޒާގެ ސިއްޙީ ހާލަތު ވަނީ ނުރައްކާތެރި ހިސާބަކަށް ގޮސްފައެވެ.
ޚާން ޔޫނިސްގެ ހުޅަނގުގައިވާ އަލް-މަވާސީ އިން އަލްޖަޒީރާއަށް ދެއްކެވި ވާހަކައިގައި ލާރޫސީ ފާހަގަކުރެއްވި ގޮތުގައި، ”އިސްރާއީލުގެ ބްލޮކޭޑްގެ ސަބަބުން ބޭސްފަރުވާއަށް ބޭނުންވާ އަސާސީ ތަކެތި ނެތުމުން، ޚާއްޞަކޮށް ކުޑަކުދިންނަށް ނުރައްކާތެރި ބަލިތައް ޖެހެމުންދެއެވެ.“
އިސްރާއީލުން ކަރަންޓު ކަނޑާލުމުގެ ސަބަބުން ލޮނުފެން މީރުފެނަށް ބަދަލުކުރާ ޔުނިޓުތައް ހުއްޓިފައިވުމާއެކު، ސާފު ބޯފެން ލިބުން ވަނީ ހުއްޓިފަ އެވެ. މީގެ ސަބަބުން ޕޯލިއޯ ފަދަ ނުރައްކާތެރި ބަލިތައް ފެތުރެމުންދާކަން އެމްއެސްއެފްއިން ވަނީ ފާހަގަކޮށްފަ އެވެ.
ކާބޯތަކެއްޗާއި ބޯފެން މަދުވުމުގެ ސަބަބުން ގިނަ ފަލަސްޠީނު ރައްޔިތުން ”ލަސް މަރަކަށް“ ހުށަހެޅި، ހަށިގަނޑުގެ ބަރުދަން ދަށްވެ، އިތުރު ސިއްޙީ މައްސަލަތައް ކުރިމަތިވަމުންދާކަން ލާރޫސީ ވަނީ ފާހަގަކުރައްވާފަ އެވެ. އަދި ކޮންމެ ދުވަހަކު ތަންތަން ހުސްކުރުމުގެ އަމުރުތައް ނެރެމުންދާތީ، ގިނަ ބަޔަކު އެމީހުންގެ ގެތައް ދޫކޮށް ކޭމްޕުތަކަށް ގޮސް، ޓެންޓުތަކުގައި ދިރިއުޅެން ޖެހި، އެމީހުންގެ ނާޒުކުކަން އިތުރުވަމުންދާކަންވެސް ފާހަގަކުރެއްވި އެވެ.
ކުރު މުއްދަތަކަށް ހަނގުރާމަ ހުއްޓާލެވުނު ނަމަވެސް، އެކަށީގެންވާ ނަތީޖާއެއް ނެރުމަށް އެ މުއްދަތު މާ ކުރުވެފައިވާ ކަމަށް އެމްއެސްއެފްއިން ބުނެ އެވެ. އަދި މިހާރު އަނެއްކާވެސް ސިއްޙީ މަރުކަޒުތަކަށް ހަމަލާދެމުންދާކަން ފާހަގަކޮށް، މިކަމަކީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކާ ޚިލާފު ކަމެއްކަމަށް އެ ޖަމްޢިއްޔާއިން ވަނީ ބުނެފަ އެވެ.
އާއްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 50،000 އަށްވުރެ ގިނަ ރައްޔިތުންގެ މަރުވެ، އެތައްލައްކަ ބައެއް ވަނީ ސިއްހީ ނުރައްކަލަށް ހުށަހެޅިފަ އެވެ. އިސްރޭއީލުން ބުނެފައިވަނީ އާއްޒާ އެއްކޮށް ސުންނާފަތިކޮށްނުލާ، ހުއްޓާނުލާނެ ކަމަށެވެ.



