ދިވެހި ފުލުހުންގެ ޚިދުމަތުގެ 92 ވަނަ އަހަރީ ދުވަހާ ގުޅިގެން ހިންގުމަށް ރޭވިފައިވާ ޚާއްސަ ހަރަކާތްތަކުގެ ތެރެއިން، އދ. މާމިގިލީގައި ގަސް އިންދުމުގެ ހަރަކާތެއް މިއަދު ފަށައިފި އެވެ.
ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވި ގޮތުގައި، މި ހަރަކާތް ފައްޓަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އެވެ. މި ހަރަކާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި އެ ޚިދުމަތުގެ އެހެނިހެން އިސް އޮފިސަރުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
މި ހަރަކާތުގެ ދަށުން މާމިގިލީގައި 10 އަނބު ގަސް އިންދާފައިވާއިރު، ރާއްޖޭގައި ފުލުހުން ގާއިމުވެ ތިބި ހުރިހާ ރަށެއްގައި ވެސް އެ ޚިދުމަތުގެ މުވައްޒަފުން މޭވާ އަޅާ ގަސް އިންދުމަށް ވަނީ ހަމަޖެހިފަ އެވެ.
ފުލުހުންގެ އަހަރީ ދުވަހާ ގުޅިގެން ހިންގާ ޚާއްސަ ހަރަކާތްތަކުގެ ތެރޭގައި، މުވައްޒަފުން ލޭ ހަދިޔާކުރުމުގެ ކެމްޕެއިނެއް ވެސް މާޗު މަހުން ފެށިގެން ކުރިއަށްދާކަން ފުލުހުންގެ ޚިދުމަތުން ފާހަގަކޮށްފައިވެ އެވެ.
ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އަހަރީ ދުވަސް ފާހަގަކުރަނީ މާރިޗު މަހުގެ 29 ވަނަ ދުވަހު އެވެ. މިއަހަރަކީ އެ މުއައްސަސާގެ 92 ވަނަ އަހަރީ ދުވަހެވެ.


