2020 ވަނަ އަހަރު ރާއްޖެއަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ދައުވާ އުފުލި ތިން މީހެއްގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމައިފި އެވެ.
މި މައްސަލައިގައި ޖުމުލަ 10 މީހެއްގެ މައްޗަށް ދައުލަތުން ޑައިމޯފިންގެ ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ކޮށްފައިވެ އެވެ. ނަމަވެސް ފަހުން މީގެން ދައުވާ އަނބާ ގެންގޮސް ދައުވާ ކުރިއަށް ގެންގޮސްފައިވަނީ 3 މީހެއްގެ މައްޗަށެވެ. އެއީ:
- ސ. ހުޅުދޫ / ދޭލިޔާގެ، އިރުފާން ތަޤިއްޔު
- ދ. މާއެނބޫދޫ / އަނބުގަސްދޮށުގެ، އަޙްމަދު ނަޞީރު
- ކ. މާލެ / ހ. ގާރޑަންބިޔުޓީ، މުޙައްމަދު އަކްރަމް
މި ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ 19 ވަނަ ދުވަހު އެވެ.
ޕީޖީ އޮފީހުން ”ޖަވިޔަނި“އަށް މައުލޫމާތުދެމުން ބުނެފައިވަނީ، ދައުވާ ސާބިތުނުވި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް އެ އޮފީހުން ނިންމާފައިވާ ކަމަށެވެ. އެގޮތުން ދަށު ކޯޓުން ހޯދަންޖެހޭ ރިޕޯޓު ހޯދާފައިވާ ކަމަށާއި އަދި މައްސަލަ އިސްތިއުނާފު ކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ. މި މައްސަލަ ވީހާވެސް އަވަހަށް އިސްތިއުނާފު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދީފައިވެ އެވެ.
”މަސްޖަރީ 2“ ނަމަކަށް ކިޔާ ދޯންޏެއްގައި 72 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށްފައި ވަނީ 2020 ޑިސެމްބަރު 8 ވަނަ ދުވަހު އެވެ. މިތަކެތި ފުލުހުން އަތުލައިގަތީ މާލޭގައި އޮތް ކާރަކުންނެވެ.
ހައި ކޯޓު ކްރިމިނަލް ކޯޓު މަސްތުވާތަކެތި ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)



