ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ގިނަ އަދަދެއްގެ ކަސްޓަމަރުންގެ އެކައުންޓުތަކުން ފައިސާ މަދުވެފައިވާ ކަމަށް ބުނެ، އިއްޔެއިން ފެށިގެން ސޯޝަލް މީޑިއާގައި ހިތްހަމަނުޖެހުން ފާޅުކޮށް އަޑުއުފުލަން ފަށައިފި އެވެ.
ކަސްޓަމަރުން ކުރާ ތުހުމަތުތަކުގައި، އެކައުންޓު ބެލެންސް ”ހުލިވެފައިވާ“ ކަމަށާއި، ނުކުރާ މުއާމަލާތްތަކަށް ފައިސާ އުނިކޮށްފައިވާ ކަމަށް ބުނެ އެވެ. އަދި ބައެއް މުއާމަލާތްތައް ދެފަހަރަށް އެކައުންޓުން އުނިކޮށްފައިވާކަން ފާހަގަކޮށްފައިވެ އެވެ.
މިގޮތުން، ”ވަރަށް ބޮޑުކޮށް ކޮންމެ ޓްރާންސެކްޝަނެއް ދެ ފަހަރު އެކައުންޓުން ކަނޑާފައި އެބަހުރި،“ ކަމަށް މުހައްމަދު ޒަމީރު ބުނެފައިވާއިރު، އެހެން ކަސްޓަމަރެއްގެ އެކައުންޓުން 1،800 ރުފިޔާ އުނިވެފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި އަހުމަދު ސައީދުގެ އެކައުންޓުން 222 އެމެރިކާ ޑޮލަރު އުނިވެފައިވާ ކަމަށް ސްކްރީން ޝޮޓަކާއެކު ހިއްސާކޮށްފައިވެ އެވެ.
މި މައްސަލައާ ގުޅިގެން ބީއެމްއެލްއާ މުއާމަލާތްކުރަން މަސައްކަތްކުރި ނަމަވެސް، ކޯލް ސެންޓަރަށް ނުގުޅޭ ކަމަށާއި، އޭއައި ބޮޓު (އާޔާ) އަދި މޯބައިލް އެޕް މެދުވެރިކޮށްވެސް އެކަށީގެންވާ ޖަވާބެއް ލިބިފައިނުވާ ކަމަށް ކަސްޓަމަރުން ބުނެ އެވެ.
މިކަމާ ގުޅޭގޮތުން ބީއެމްއެލްއިން ދޭ ޖަވާބުގައި ބުނެފައިވަނީ، ”ސެޓްލްކުރެވިފައިވާ ޓްރާންސެކްޝަންތަކެއް ވެސް ޕެންޑިންގެ ގޮތުގައި އެބަ ހުރި ކަމަށާއި، އެހެންވެ، އެކައުންޓު ބެލެންސް މަދުކަމަށް ފެންނާނެ“ ކަމަށެވެ. އަދި ކުރިމަތިވި މައްސަލަ ފާހަގަކުރެވި، ވަގުތުން ހައްލުކުރަން މަސައްކަތްކުރަމުންދާ ކަމަށް ބޭންކުން މަޢުލޫމާތު ދީފައިވެ އެވެ.
މި ފަހަކަށް އައިސް ބީއެމްއެލްއާ މެދު ހިތްހަމަނުޖެހުން އިތުރުވެ، ގިނަ ކަސްޓަމަރުންނެއް އަންނަނީ އެ ބޭންކް ދޫކޮށް އެހެން ބޭންކްތަކަށް ބަދަލުވަމުންނެވެ.


