ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން އުފެއްދުވި ”ދަ ޑިމޮކްރެޓްސް“ ޕާޓީއަށް ވެރިކަމަށް އާދެވޭނެ ގޮތެއް ނެތް ކަމަށް އެޕާޓީގެ ކުރީގެ ރައީސް ހަސަން ލަތީފް މީގެކުރިން ވިދާޅުވި ވާހަކަ އަނެއްކާވެސް ތަކުރާރު ކުރައްވައިފި އެވެ.
ޑިމޮކްރެޓްސްގެ ރައީސްގެ މަގާމުގައި ހުންނެވުމަށްފަހު އެ ޕާޓީ ދޫކުރައްވާ އެނބުރި އެމްޑީޕީއަށް ވަޑައިގެންނެވި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް މީގެ ތިން މަހެއްހާ ދުވަސް ކުރިން ޓީވީ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަފުޅެއްގައި ވިދާޅުވީ، ސިޔާސީ ޕާޓީއެއް އުފައްދަނީ ސަރުކާރެއް އުފެއްދުމަށްކަމަށްވީނަމަވެސް އެ ފުރުސަތު މިވަގުތު ޑިމޮކްރެޓްސްގެ ތެރޭގައި ނެތްކަމަށެވެ.
އެ ވާހަކަ އަނެއްކާވެސް ތަކުރާރު ކުރައްވާ ހަސަން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑިމޮކްރެޓްސްގެ ބައެއް ބޭފުޅުން ”ކުޑަކޮށް ހިތްޕުޅުހަމަޖެހިވަޑައި ނުގެންނެވި ނަމަވެސް“، އަނެއްކާވެސް ދަންނަވަން އޮތީ ހަމަ އެ ވާހަކަ ކަމަށެވެ.
ހަސަން މިފަދައިން ވިދާޅުވެފައިމިވަނީ، ޑިމޮކްރެޓްސްއާއި އެމްޑީޕީ ގުޅިގެން މަސައްކަތްކުރުމަކީ މިވަގުތު ދެ ޕާޓީއަށްވެސް އަދި ގައުމަށްވެސް އެންމެ ރަނގަޅު ގޮތްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނިކޮށެވެ. ރައީސް ނަޝީދުގެ މި ވާހަކައަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އަދި ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒް ފަހުމީ ތާއީދުކުރައްވާފައިވެ އެވެ. ނަމަވެސް އެމްޑީޕީގެ ބައެއް އިސް ފަރާތްތަކުން އަންނަނީ ރައީސް ނަޝީދާއި ޑިމޮކްރެޓްސްގެ ބޭފުޅުންނަށް ފާޑުވިދާޅުވަމުންނެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ވަކިހިސާބަކުން ރައީސް ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން ސޯލިހްގެ ސަރުކާރަށް ފާޑުކިޔާ ވަކި ސިޔާސީ ޕާޓީއެއް އުފައްދާ ރިޔާސީ އިންތިހާބު އަދި މަޖިލިސް އިންތިހާބުގައިވެސް ވާދަކުރި އެވެ. ނަމަވެސް އެ ޕާޓީއަށް މަޖިލީހުގެ އެއްވެސް ގޮނޑިއެއް ކާމިޔާބުވެފައެއް ނުވެ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީތަކުގެ ދަފުތަރު ދައްކާގޮތުން ޑިމޮކްރެޓްސްގައި މިވަގުތުތިބީ 3667 މެންބަރުންނެވެ.



